ރާއްޖޭގެ ބޭރުގެ ދަރަނި 28.42 ބިލިއަން ރުފިޔާއަށް އިތުރުވަނީ

މަރުކަޒީ ބޭންކް، އެމްއެމްއޭ އިމާރާތް -- ފޮޓޯ/ ސަން

އަންނަ އަހަރުގެ ތެރޭގައި ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް 300 މިލިއަން ޑޮލަރުގެ ބޮންޑު ބޭރަށް ވިއްކަން ޖެހޭ އިރު، އަންނަ އަހަރުގެ ތެރޭގައި ބޭރުގެ ދަރަނި 28.42 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައިވާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުންނާނީ 21.81 ބިލިއަން ރުފިޔާގަ އެވެ. އަދި އަންނަ އަހަރު ނިމޭއިރު އެ އަދަދު 28.42 ބިލިއަން ރުފިޔާއަށް އިތުރު ވާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

އެހެން ކަމުން އަންނަ އަހަރު ރާއްޖޭގެ ބޭރުގެ ދަރަނި 30.29 ޕަސެންޓް އިތުރުވާނެ އެވެ. އެއީ 6.61 ބިލިއަން އިތުރު އަދަދެކެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ބޭރުގެ ދަރަނި ހުރީ 20.31 ބިލިއަން ރުފިޔާގަ އެވެ.

ބޭރުގެ ދަަރަނި އިތުރުވާ ސަބަބުތަކުގެ ގޮތުގައި ބަޖެޓްގައި ބުނެފައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ނަގާފައިވާ ލޯނާއި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައި ވުމާއި ގްރޭޓާ މާލޭ ބުރިޖް އަދި އިންޑިއާއިން ދީފައިވާ ލައިން އޮފް ކުރިޑިޓުން މަޝްރޫއުތައް ހިންގުމަށް ރާވާފައިވުމެވެ. މީގެ އިތުރުން ބޭރުގެ މާލީ ބާޒާރުގައި ބުލޫ ބޮންޑެއް ވިއްކުމާއި ޗަޕާނުގެ މާކެޓުގައި ވެސް އަންނަ އަހަރު ބޮންޑު ވިއްކަން ނިންމާފައިވުމަކީ ދަރަނި އިތުރުވާ ސަބަބެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ޖުމްލަ އަކީ، 37.50 ބިލިއަން ރުފިޔާ ކަމަށްވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 29.92 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން 5.68 ބިލިއަން ރުފިޔާއިން އެ ބަޖެޓް ޑެފިސިޓް ވާނެ އެވެ.

އެ ޑެފިސިޓް ފޫބެއްދުމަށް އިތުރަށް 300 މިލިއަން ޑޮލަރުގެ ބޮންޑު ބޭރުގެ މާކެޓްގައި ސަރުކާރުން ވަނީ އަމާޒުކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަރަނި އަންނަ އަހަރުގެ ތެރޭގައި ދަށަށް ދާނެ ކަމަށް ބަޖެޓްގައި ލަފާކުރެ އެވެ. ބަޖެޓްގައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި މިއަހަރު ނިމޭއިރު އެތެރޭގެ ދަރަނި ހުންނާނީ، 30.72 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އަންނަ އަހަރު ނިމޭއިރު އެ އަދަދު، 28.57 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ އެވެ.

މިއަހަރު ނިމޭއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ބަޖެޓްގައި ލަފާކުރަނީ، 52.5 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 59.8 ޕަސެންޓެވެ.

ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ، 56.10 ބިލިއަން ރުފިޔާގަ އެވެ. މިއީ، ޖީޑީޕީގެ ނިސްބަތުން 58.4 ޕަސެންޓެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނެފައި ވަނީ ދައުލަތުގެ ޖުމްލަ ދަރަނި ހުންނަން ޖެހޭނީ، ޖީޑީޕީގެ 60 ޕަސެންޓަށް ވުރެ އިތުރު ނުވާނެ މިންވަރެއްގައި ކަމަށެވެ.

ބަޖެޓްގައިވާ ގޮތުން، ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކާ އެކު ދައުލަތުގެ ދަރަނި، މިއަހަރު ނިމޭއިރު ހުންނާނީ، 67.9 ބިލިއަން ރުފިޔާގަ އެވެ. އަދި މިއީ ޖީޑީޕީގެ ނިސްބަތުން 75.4 ޕަސެންޓެވެ.

މިއަހަރު ނިމޭއިރު ދަރަނި ދައްކަން ތިން ބިލިއަނެއްހާ ރުފިޔާ ދައުލަތުން ހަރަދު ކުރާނެ އެވެ. އަދި އަންނަ އަހަރު 3.73 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ހަރަދު ކުރުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.

ބޭރުގެ ދަރަނި ބެހިފައިވާގޮތް -- ފޮޓޯ: ފިނޭންސް

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ޖީޑީޕީގެ ނިސްބަރުން 7.5 ޕަސެންޓްގަ އެވެ. އިންފްލޭޝަން އެއް ޕަސެންޓުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ބަޖެޓްގައިވެ އެވެ.

އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު މަޑުޖެހިފައި އޮތް އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އިގްތިސާދުގެ 1.1 ޕަސެންޓް އިމާރާތްކުރުމުގެ ދާއިރާ ހިއްސާކުރާނެކަމަށް ލަފާކޮށްފައިވާއިރު 2.6 ޕަސެންޓް ހިއްސާ ކުރާނީ ފަތުރުވެރިކަމުގެ ދާއިރާ އެވެ.

ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 819 މިލިއަން ޑޮލަރުގަ އެވެ. ކަރަންޓު އެކައުންޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 19 ޕަސެންޓުގަ އެވެ. ނޮމިނަލް ޖީޑީޕީ ހުންނާނެކަމަށް ލަފާކޮށްފައިވަނީ 97 ބިލިއަން ރުފިޔާގަ އެވެ.

comment ކޮމެންޓް