ރާއްޖޭގެ އިޝްތިހާރު ބަޖެޓް 48 ޕަސެންޓް ބޮޑުކޮށް، 154.2 މިލިއަން ރުފިޔާ ހިމަނައިފި

"ކޮސްޓާ ވިކްޓޯރިއާ" ކްރޫޒަލައިނަރުން އައި ފަތުރުވެރިން އިއްޒުއްދީން ފާލަން ސަރަހައްދުގައި: ދުރުން ފެންނަނީ ކޮސްޓާ ވިކްޓޯރިއާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 154.2 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގައި ޓޫރިޒަމްގެ ކަންތައްތައް ޕްރޮމޯޓު ކުރުމަށް ބަޖެޓްގައި ކަނޑައަޅާފައިވަނީ 104.2 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން އަންނަ އަހަރަށް، ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓް، މި ވަނީ 47.98 ޕަސެންޓް ބޮޑުކޮށްފަ އެވެ. އެއީ 50 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.

ރާއްޖޭގައި އިތުރު ރިސޯޓުތައް ހުޅުވަން ތައްޔާރުވެފައިވާއިރު އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ވެސް ހުޅުވާނެ އެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދު އިތުރު ކުރުމަށް މިހާރަށްވުރެ ގިނަ ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިމް އެމްޑް ޕީއާރު ކޯޕަރޭޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިތުރު ކުންފުނިތަކުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އެގޮތުން ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ބޭރުގެ ނޫސްވެރިން ރާއްޖެ ގެނެސް ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް މިއަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް