"ދަ ވިޗާ" ނެރޭނީ އަންނަ މަހު 20 ގައި!

ދަ ވިޗާ ސީރީޒް އިން މަންޒަރެއް --- ފޮޓޯ : ނެޓްފްލިކްސް

އެޗްބީއޯގެ "ގޭމް އޮފް ތްރޯންސް" އާ ވާދަކޮށްލާނެ ކަމަށް ބުނާ ނެޓްފްލިކްސްގެ "ދަ ވިޗާ"ގެ ފުރަތަމަ ސީޒަން، އަންނަ މަހުގެ 20ގައި ރިލީޒުކުރުމަށް އެކުންފުނިން ނިންމައިފި އެވެ.

ނެޓްފްލިކްސް އިން ދަ ވިޗާ ނެރޭ ދުވަސް އާންމުކޮށްފައި ވަނީ ދާދި ފަހުން އާންމުކުރި ޓްރެއިލާއާއެކުގަ އެވެ.

އާ ޓްރެއިލަރުން، ދަ ވިޗާ ސީރީޒްގެ އާ މަންޒަރުތަކެއް ދައްކުވާލަދެ އެވެ. އަދި މި ސީރީޒް އަކީ ގޭމް އޮފް ތްރޯންސް އާ ވާދަކޮށްލާނެ ޝޯއެއްގެ އިޝާރާތް ވަނީ ޓްރެއިލަރުން ވެސް ހާމަވެފަ އެވެ.

މަޝްހޫރު ވާހަކަ ސީރީޒް އަށް ބިނާކޮށްގެން ތައްޔާރުކުރާ ދަ ވިޗާ އަކީ މިއަހަރުގެ އެންމެ ބޮޑު ޕްރިމިއާށް ވާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ޝޯ ނެރުމުގެ ކުރީން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދަ ވިޗާއަކީ ނެޓްފްލިކްސްގެ ގޭމް އޮފް ތްރޯންސް ކަމަށް ގިނަ ބަޔަކު ބުނަނީ އެ ސަބަބާ ހުރެ އެވެ.

ދަ ވިޗާއަށް އެހާބޮޑު މަގުބޫލުކަމެއް ލިބިފައި ވަނީ އެ ވާހަކައަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ގޭމްތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ގޭމް އޮފް ތްރޯންސް ފަދައިން ދަ ވިޗާއަކީ ވެސް ފެންޓަސީ ޑްރާމާއެކެވެ. އެ ޝޯއިން ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަޝްހޫރު އެކްޓަރު ހެންރީ ކެވިލް ހިމެނެ އެވެ. ހެންރީއަކީ ޑީސީގެ ސުޕަމޭންގެ ރޯލުން ފެނިގެންދާ ފަންނާނެކެވެ. ހެންރީގެ އިތުރުން، އާންޔާ ޗަލޯތްރާ އާއި އެޑަމް ލީވައި އާއި ޖޯދީ މޭ އަދި މިޔާނާ ބިއުރިން ވެސް އެ ޝޯއިން ފެނިގެންދާނެ އެވެ.

comment ކޮމެންޓް