އެމްއީއެސް އިމާރާތުގައި 750 ކުދިންގެ ޖާގައިގެ ސްކޫލެއް ގާއިމުކުރަނީ

އެމްއީއެސް ހިންގި އިމާރާތް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރީގެ މާލޭ އިންގްލިޝް ސްކޫލު ހިންގި އިމާރާތުގައި ސަރުކާރު ސްކޫލެއް ގާއިމުކޮށް، އަންނަ އަހަރު ހިދުމަތް ދޭން ފަށަން ނިންމައިފި އެވެ.

ބަޖެޓުގައި ބުނެފައި ވަނީ އެ އިމާރާތުގައި ސްކޫލެއް ގާއިމުކުރަނީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

މާލޭގައި މިހާރު ސަރުކާރުގެ އެއްވެސް ސްކޫލެއް އެއްދަންފަޅިއަކަށް ނުހިންގަ އެވެ. މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

އެ ސްކޫލު ވެގެންދާނީ 750 ދަރިވަރުންގެ ޖާގައިގެ ސްކޫލަކަށް ކަމަށާއި މިހާރު ހުރި އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަސީލަތްތައް ގާއިމްކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބައެއް ފެކަލްޓީތަކުގައި ކިޔަވައިދޭ ކޯސްތައް ހިންގަމުން ދަނިކޮށް، އެތަން ހުސްކުރަން މިދިޔަ މަހުގެ ތެރޭގައި ވަނީ އަންގައިފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަޒީފާ ލިބުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތައުލީމާއި ގުޅޭ ވަސީލަތްތައް އިތުރުކުރުމަށްޓައި ޕީއެސްއައިޕީ ބަޖެޓުގައި 543.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެއީ ޖުމުލަ ޕީއެސްއައިޕީގެ 5.3 ޕަސެންޓެވެ.

މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގައިވާ ގޮތުން، އެ ބަޖެޓްގެ ޖުމްލަ އަކީ، 37.50 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

comment ކޮމެންޓް