2020ގެ ބަޖެޓް: އެސްއެމްއީ ލޯނު ދޫކުރަން 400 މިލިއަން ރުފިޔާ

އެސްއެމްއީ ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު: އެސްއެމްއީ ލޯނު ދޫކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނާފައި -- ފައިލް ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ކުރިއެރުވުމަށް ސްޓޭންޑްސް ފޯ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސިސް (އެސްއެމްއީ) ލޯނު ދޫކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ހިމެނުމަށް ބަޖެޓް ކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅައިދެއްވައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިނޭނެސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އިގްތިސޯދު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ހިމެނޭ ޕްރައިވެޓް ސެކްޓާރ ކަމަށެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކުން ވިޔަފާރީގެ މައިދާނަށް ވަދެ ފައި ހަމަކުރުމަށް އެހީވެދިނުމަށް އެސްއެމްއީ ޑިވޮލެޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް އަންނަ އަހަރު ވެސް ލޯނު ދޫކުރަމުން ދާނެ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މިގޮތުން އެސްއެމްއީ ޑިވޮލެޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަށް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2020 ވަނަ އަހަރު ދޫކުރާނެ. ސަރުކާރުގެ އަމާޒަކީ މި ތިން އަހަރު ކެޕްޓިލް ދޫކޮށް ސަރުކާރަށް ބަރޯސާ ނުވެ ލޯނު ދޫކުރަން ބޭނުންވާ މިންވަރުގެ ފެންޑެއް އެކުންފުނީގައި ގާއިމު ކުރުން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް ކުރިއެރުވުމަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 400 މިލިއަން ރުފިޔާ ދޫކުރެވޭނެ ގާބިލްކަން ހުރި ކުންފުންޏަކަށް އެ ކުންފުނި ހެދުމަކީ އަމާޒެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެސްއެމްއީ ގާނުނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ތިން ސީޓީއެއްގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ އެސްއެމްއީ ބޭންކު މެދުވެރިކޮށް ލޯނު ހޯދުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އަދަދު އެއް ބިލިއަން ރުފިޔާ އަށް އަރާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް