2023 ނިމޭއިރު ރަސްމީ ރިޒާވް އެއް ބިލިއަން ޑޮލަރަށް އަރުވަން އަމާޒު ހިފައިފި

އެމްއެމްއޭ

ދެހާސް ތޭވީސް ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް އެއް ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރު ނިމޭ އިރު ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 636 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.

އަދި 2020 ވަނަ އަހަރު ނިމޭ އިރު، ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައި ވަނީ 819 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ.

"ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ކުޑަ ގައުމަކަށް ވާއިރު ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް އެއް ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 7.5 ޕަސެންޓަށް މައްޗަށް ޖެހޭނެ ކަމަށާއި މެދު ރާސްތާގައި ވެސް އުފެއްދުންތެރިކަން އިތުރުވާ މިންވަރު މަތީގައި ހިފެހެއްޓޭނެ ކަމަށް ބަޖެޓު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ މައިގަނޑު ސަބަބަކީ ކުރިއަށް އޮތް ތިން އަހަރު ވެސް ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާ އެކު ކުރިއަރަމުން ދާނެ ކަމަށް ބެލެވޭތީ އާއި ސަރުކާރުން ރާވާފައި ހުރި ބޮޑެތި ގިނަ މަޝްރޫއުތަކުގެ ފައިދާ އިމާރާތްކުރުމުގެ ދާއިރާއަށާއި ގުޅިފައި ހުރި އެހެނިހެން ދާއިރާތަކަށް ވެސް ކުރާނެ ކަމަށް ބެލެވޭތީ އެވެ.

މެދުރާސްތާއަށް ބަލާ އިރު، ނޮމިނަލް ޖީޑީޕީ ހަލުވިކަމާ އެކު އިތުރުވަމުންދާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން 2020 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދު އަހަރަކު އެވްރެޖްކޮށް 9.5 ޕަސެންޓުން ނޮމިނަލް ޖީޑީޕީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 37.50 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

comment ކޮމެންޓް