10 އަހަރު ތެރޭ އެންމެ ބޮޑު ބައްޔާއެކު ކޮވަޗް މަގާމުން ވަކިކޮށްފި

ބަޔާން މިއުނިކްގެ ކޯޗަކަށް ހުރި ނިކޯ ކޮވަޗް: އޭނާ ރޭ ވަނީ އެ މަގާމުން ވަކިކޮށްފައި ---

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 1-5ގެ ބޮޑު ނަތީޖާ އަކުން ބަލިވުމާ ގުޅިގެން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް އެ މަގާމުން ވަކިކޮށްފި އެވެ.

ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ވެސް ޖަރުމަނުގެ ބުންޑެސްލީގާގައި ބަޔާން ބަލިވެފައި ނުވާ ބޮޑު ނަތީޖާއަކުން އެ ޓީމު ބަލިވި އިރު އެ ޓީމު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. މިއީ 2009 ވަނަ އަހަރު ވުލްފްސްބާގް އަތުން 1-5ގެ ނަތީޖާއަކުން ބަލިވުމަށް ފަހު ބަޔާން މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ބަޔާނުން ވޭތުވެ ދިޔަ ސީޒަން ވެސް ބޮޑެތި އުނދަގޫތަކާ އެކު ފެށި އިރު ކޮވަޗްއަށް ވަނީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް ސީޒަނުގެ ފަހު އަތަށް އަޅާލި އިރު ޓީމު ހަމައަކަށް އެޅި ރަނގަޅު ނަތީޖާތަކެއް ނެރެން ފެށުމުން މި އަހަރުގެ ސީޒަނަށް ވެސް ކޮވަޗް ބެހެއްޓުމަށް ބަޔާނުން ވަނީ ނިންމާފަ އެވެ. ކޮވަޗް މަގާމުން ވަކިކުރިކަން ބަޔާނުން ރޭ އިއުލާން ކުރި އިރު މިހާތަނަށް ލީގުގައި ބަޔާން ކުޅުނީ އެންމެ 10 މެޗެވެ.

ބަޔާނުން ފްރެންކްފާޓް އަތުން ބޮޑު ނަތީޖާއަކުން ބަލިވި ނަަމަވެސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 2-7ގެ ނަތީޖާ އަކުން މިދިޔަ ސީޒަނުގައި ފައިނަލުގައި ކުޅުނު ޓޮޓެންހަމް އަތުން ރަށުން ބޭރުގައި މޮޅުވެފަ އެވެ. އެ މެޗުގައި ފަހަތުން އަރައި ޓޮޓެންހަމް ބަލިކުރުމުން ބަޔާން އޭރު ވަނީ ކޮވަޗްއަށް ބޮޑު ތައުރީފެއް ކޮށްފަ އެވެ.

ބަޔާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ނިންމުމަކީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކޮވަޗްއާ މަޝްވަރާކުރުމަށް ފަހު ދެ ފަރާތުން ވެސް އެއްބަސްވެވިގެން ނިންމި ނިންމުމެކެވެ. ބަޔާނުގެ ކޯޗެއްގެ ގޮތުގައި ކޮވަޗް ހުއްޓައި ކުޅުނު 65 މެޗުގެ ތެރެއިން 45 މެޗުން އެ ޓީމު މޮޅުވެފަ އެވެ.

ކޮވަޗްގެ ބަދަލުގައި ބަޔާނާ ހަވާލުވާ ކޯޗެއް އަދި އިއުލާން ނުކުރާ އިރު ބައެއް މަޝްހޫރު ކޯޗުން ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން ކުރިން އިންޓަ މިލާނާއި ރެއާލްމެޑްރިޑް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކޯޗުކަން ކޮށްދިން ހޯސޭ މޮރީނިއޯ އާއި ޔުވެންޓަސްއަށް މިދިޔަ ސީޒަނުގައި ކޯޗުކަން ކޮށްދިން މިސިމިލިއާނޯ އެލްގްރީ ހިމެނެ އެވެ.

ކޮވަޗް ބަޔާނާ ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އޭނާ ވަނީ ފުރަތަމަ ސީޒަނުގައި ލީގުގެ އިތުރުން ޖަރުމަނު ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ލިވަޕޫލް އަތުން ކެޓީ އެވެ.

comment ކޮމެންޓް