ބްރިޖް އަޅަން 411 މިލިއަން ރުފިޔާ، އާ ޕޯޓަށް 247 މިލިއަން ރުފިޔާ

ވިލިމާލެއިން ގުޅިފަޅު ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިގްތިސޯދީ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ، ގްރޭޓާ މާލެ ގުޅުވާލާ ބްރިޖުގެ މަޝްރޫއަށް 411 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މާލޭގެ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް 247 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަހަރުން އަހަރަށް ކުރިއަރާއިރު އަދި ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުންދިޔަ ނަމަވެސް މާލޭ ޕޯޓަށް ބޮޑު ބަދަލެއް ނާންނަތާ 30އަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށެވެ.

"މީގެ ސަބަބުން މުދާ ބޭލުމަށާއި މުދާ ގުދަން ކުރުމަށާއި ވިޔަފާރި ކުރާ ތަންތަނަށް މުދާ ގެންދިޔުމުގައި ޒަމާނާ ނުކިއްސަރު ގޮންޖެހުންތަކެއް ވިޔަފާރިތަކަށް އަންނަނީ ދިމާވަމުން،" މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ޕޯޓު ޕްރޮޖެކްޓަކީ ރާއްޖެއަށް މުދާ އިމްޕޯޓުކޮށް ގުދަންކޮށް ގެންގުޅުމުގެ ވައްޓަފާޅިއަށް ގެނެވޭނެ އިންގިލާބީ ބަދަލެއް ކަމަށެވެ.

"މިއަހަރުގެ ތެރޭގައި މި މަޝްރޫއަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފެށިގެންދާނެ. ގުޅީފަޅުގައި ތަރައްގީކުރެވޭ ބަނދަރު ވެގެންދާނީ އިންޓަނޭޝަނަލް ޝިޕިން ރޫޓުތަކުގައި ދަތުރުކުރާ ބޮޑެތި އާގުބޯޓުތަކަށްވެސް ބޭނުންކުރެވޭ ވަރުގެ ޕޯޓަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދަޅުވީ މި ޕޯޓުގެ ސަބަބުން މިހާރު ރާއްޖެއަށް މުދާގެންނަން މެދުވެރޔެއްގެ ދައުރު އަދާކުރާ ފީލްޑާ ބޯޓުފަހަރަށް ބަރޯސާވުން ނިމުމަކަސް އައިސް ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ހަރަދުތައް ކުޑަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެއަމާޒަކީ މުދާ އަރުވާ ބެލުމުގައި މިހާރު ހޭދަވާ މުއްދަތު މަދުވެގެން ފަސްގުނަ ކުޑަކުރުން ކަމަށެވެ.

ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށު ގުޅާލާ ބްރިޖުގެ މަސައްކަތުގެ ދިރާސާ ކުރިއަށްދާ ކަމަށެވެ.

މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

comment ކޮމެންޓް