އާންމު ސިއްހަތާ މެދު ވަނީ އިހުމާލުވެފައި: މިނިސްޓަރު

އާންމު ސިއްހަތުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ހެލްތު މިނިސްޓްރީ

އެނގި ތިބެ ނުވަތަ ނޭނގި ތިބި ނަމަވެސް އާންމުން ވަނީ އާންމު ސިއްހަތާ މެދު އިހުމާލުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި މިއަދު ބާއްވާ އާންމު ސިއްހަތުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހަތުގެ ކަންކަން ބައްޓަން ކުރުން މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ.

މިއަދުގެ މަހާސިންތާގެ ބޭނުމަކީ އެފަދަ ސިއްހީ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތަކަށް ހައްލުކުރުން ކަމަށް އަމީން ވިދާޅުވި އެވެ.

"މި ނަޒަރިއްޔާތުން އާންމު ސިއްހަތާ މެދު މިހާރު ވިސްނާލިއަސް، އަޅުގަނޑުމެންނަށް މިކަމުގެ މުހިއްމުކަން ވަރަށް ފަސޭހައިން ހާމަވެ ސާފުވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އާންމު ސިއްހަތުގެ ވާހަކަ ދައްކާއިރު ކުއްލިއަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަ ވާހަކަ ދައްކަން ފަށާފައިވާ ކަމަށެވެ.

"އިންގިލާބީ ބަދަލު ގެންނަ ވާހަކަ މި ދައްކަނީ ކޮން ސަބަބުތަކާ ހެދިތޯ؟ ސަބަބުތައް ވަރަށް ވެސް ގިނަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެވާހަކައަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ ސިއްހަތަށް ކުރާ ހޭދަ، އަންނަނީ އަހަރެއް އަހަރަކަށް އިތުރުވަމުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ޒަމާނީކުރުމަށް ވެސް ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް