"ކަސޯޓީ"ގެ ބަޖާޖް ރޯލަށް ވިވާން ބަޓޭނާ

ވިވާން ބަޓޭނާ

ސްޓާ ޕްލަސްއިން މިހާރު ދައްކަމުން އަންނަ އެންމެ މަގްބޫލް ހިންދީ ޑްރާމާ "ކަސޯޓީ ޒިންދަގީ ކޭ"ގެ ބަޖާޖްގެ ރޯލަށް ވިވާން ބަޓޭނާ ހަމަޖައްސާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ވިވާން އެ ރޯލަށް ހަމަޖައްސާކަށް ބެލެވެން ފެށީ އޭނާ އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯ އަކާގުޅިގެންނެވެ. ކަސޯޓީގައި ބަޖާޖްގެ ރޯލަށް ތަރިއަކު ހޯދަން ފެށީ އެ ރޯލުން ފެނިގެންދާ ކަރަން ސިންހް ގްރޯވަރު އެ ޝޯ ދޫކޮށްލުމުންނެވެ. އޭނާ އެ ޝޯ ދޫކޮށްލީ ކެރެކްޓާ ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހޭތީ އެވެ.

ވިވާން އަކީ ގިނަ ޓީވީ ސީރީޒްތަކެއްގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އަދި ބޮލީވުޑްގެ "ހޭޓް ސްޓޯރީ 4"ގައި އޭނާ ވަނީ ލީޑު ރޯލު ކުޅެފައެވެ.

އެ ޑްރާމާގައި ކޮމޯލިކާގެ ރޯލު ކުޅުނު ހީނާ ހާން ވަނީ ބޮލީވުޑަށް ވަގުތު ދިނުމަށް ޝޯ މީގެ ދުވަސްކޮޅެއް ކުރިން ދޫކޮށްލާފައެވެ. މިހާރު ކޮމޯލިކާގެ ރޯލަށް އާމްނާ ޝަރީފް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް