ރާއްޖެ ސަރަހައްދުން މިއަދު ފެނުނު އީރާނު ބޯޓުން މަސްތުވާތަކެތި ފެނިއްޖެ

ރާއްޖެ ސަރަހައްދުން މިއަދު ހެނދުނު ފެނުނު އީރާނުގެ މަސްބޯޓުން މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެ މަސްބޯޓު ހިފަހައްޓާފައި ވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި، މިއަދު ހެނދުނު 11:40 ހާއިރު ކަމަށެވެ.

އެ މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފަވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަސްތުވާތަކެއްޗާ އެކު ރާއްޖެ ސަރަހައްދުން ހިފެހެއްޓި ބޯޓު -- ފޮޓޯ: އެމްއެންޑީއެފް

އެހެންކަމުން، އެ ބޯޓު އިތުރަށް ބަލައި ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފާއި ފުލުހުން އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެއީ އީރާނުގެ ބޯޓެއް ކަމަށާއި ބޯޓުގައި އީރާނަށް ނިސްބަތްވާ ހަތް ފިރިހެނުން ތިބި ކަމަށެވެ.

އިރާނުގެ ބޯޓެއް ފުލުހުން ބަލަމުންދާ އިރު މީގެ ކުރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އީރާނުގެ ހަތަރު ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުން ވަނީ އަތުލައިގެންފައިވެ އެވެ.

އެގޮތުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ދިވެހީންގެ ބަޔަކު ބައިވެރިވެގެން، އީރާންގެ "އަލްޝަބާން" ކިޔާ ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން ވަނީ މަސައްކަތް ކޮށްފަ އެވެ.

މަސްތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދުން ހިފެހެއްޓި ބޯޓު -- ފޮޓޯ: އެމްއެންޑީއެފް

އެ މައްސަލައިގައި އީރާނު ބޯޓުގައި ތިބި އެ ގައުމުގެ ހަ މީހަކާއި، އެ ބޯޓުން މަސްތުވާތަކެތި ބަލާ ދިޔަ "ހެދޭކުރި" ކިޔާ ދޯނީގައި ތިބި ހަތަރު މީހުންނާއި، މައްސަލައާ ގުޅުން ހުރި އިތުރު ތިން މީހަކާ އެކު ޖުމްލަ 13 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އައި ބޯޓު ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުންނެވެ.

އެ ބޯޓުން ފެނުނު ފެނުނީ މަސްތުވާތަކެތި އަޅާފައި ހުރި ތިން ގޯންޏެވެ. ތިން ގޯނީގައި ހުރި 70 ކިލޯ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ހިފެހެއްޓި ބޯޓުތައް މީގެ ކުރިން މަސްތުވާތަކެއްޗާ އެކު އެހެން ގައުމުތަކުން ވެސް ހިފަހައްޓާފައިވެ އެވެ.

ފުލުހުން މީގެ ކުުރިން ބުނެފައި ވަނީ އެފަދަ ބޯޓުތަކަކީ މި ސަރަހައްދުގެ ގައުމުތަކަށް މަސްތުވާތަކެތި އެތެެރެ ކުރަން ބޭނުން ކުރާ ބޯޓުތަކެއް ކަމަށެވެ. ރާއްޖެ އަކީ މަސްތުވާތަކެތި އެތެރެ ކުރާ "ޓްރާންސިޓް ޕޮއިންޓް"އެއްގެ ގޮތުގައި ވެސް ފުލުހުން ވަނީ ސިފަކޮށްފަ އެވެ.

comment ކޮމެންޓް