ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް 0.23 ޕަސެންޓް ދަށްވެއްޖެ

ލޯކަލް މާރުކޭޓް ގޮޅިއެއް: ސެޕްޓެމްބަރު މަހު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ތަރުކާރީގެ ބާވަތްތަކުން-- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މި އަހަރުގެ ސެޕްޓެމްބަރު މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.23 ޕަސެންޓް ދަށްވެފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.

އެ ބިއުރޯއިން އެންމެ ފަހުން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 99.8 ޕަސެންޓްގަ އެވެ.

މިއީ މި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާ އިރު 0.23 ޕަސެންޓް ދަށް އަދަދެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު 0.02 ޕަސެންޓް މަތީ އަދަދެކެވެ.

ސެޕްޓެމްބަރު މަހު އެންމެ ބޮޑަށް އަގު ދަށަށް ދިޔަ ބާވަތްތައް

  • މޯބައިލް ފޯނުގެ ބިލު (5.10-) ޕަސެންޓް
  • މޯބައިލް ފޯނު (1.88-) ޕަސެންޓް
  • ވައިގެ މަގުން ކުރާ ދަތުރު (1.68-) ޕަސެންޓް
  • ބޫޓާއި ފައިވާން (1.56-) ޕަސެންޓް
  • މޭވާގެ ބާވަތްތައް (1.21-) ޕަސެންޓް
  • އަންނައުނު (0.60-) ޕަސެންޓް
  • ސައިކަލު (0.56-) ޕަސެންޓް

ސެޕްޓެމްބަރު މަހު އެންމެ ބޮޑަށް އަގު މައްޗަށް ދިޔަ ބާވަތްތައް

  • ތަރުކާރީ (8.31) ޕަސެންޓް
  • ފޮތް (1.67) ޕަސެންޓް
  • އިންޓަނެޓް (1.07) ޕަސެންޓް
  • މަސް (0.60) ޕަސެންޓް
  • ކިރާއި ބިސް (0.20) ޕަސެންޓް

މި މުއްދަތުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓަށް ވަކިން ބަލާ އިރު، މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 99.8 ޕަސެންޓްގަ އެވެ. އެއީ އޮގަސްޓް މަހާ އަޅާބަލާ އިރު 0.17 ޕަސެންޓް ދަށް އަދަދެކެވެ.

އަދި ސެޕްޓެމްބަރު މަހު އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް 99.7 ޕަސެންޓްގައި ހުރި އިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާ އިރު 0.32 ޕަސެންޓް ދަށް އަދަދެކެވެ.

comment ކޮމެންޓް