ފުލުހުން ހިތްވަރު ލިބިގަންނަނީ ނޮވެމްބަރު ތިނަކުން: ސީޕީ ހަމީދު

ފުލުހުން މިއަދު ނަމޫނާ އާއި ހިތްވަރު ލިބިގަންނަނީ ނޮވެމްބަރު ތިނެއްގައި ދިވެހި ސިފައިން ވެދެއްވި ގުރުބާނީން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން މިދާ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންނާ އާންމުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

އަދި ޝަހީދުންގެ އާއިލާތަކަށް ހެޔޮ ގޮތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ނަމޫނާ އާއި ހިތްވަރު ލިބުގަންނަނީ އެ ދުވަހުން،" ސީޕީ ވިދާޅުވި އެވެ.

ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

އެ އުދުވާނީ ހަމަލާއަށް މިއަދު 31 އަހަރު ފުރޭއިރު، އެ ހަމަލާގައި އިސްކޮށް ހުރި ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ ހުކުމަށް ފަހު ޖަލުން މިނިވަންވެފަ އެވެ. އަދި ދެން ވެސް އެކި ކުށްތަކުގައި ކުށްވެރިވި ފަރާތްތައް ވަނީ ހުކުމަށް ފަހު ސަލާމަތްވެފަ އެވެ.

އެހެން ނަމަވެސް ހަމަލާގެ މައި ސިކުނޑި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 16 ޖެނުއަރީ 2010ގައި ބޭސްފަރުވާއަށް ލަންކާއަށް ދިޔަ ފަހުން ފިލައިގެން އުޅެނިކޮށް އޭނާ މާލެ ގެނެސް ޖަލުގައި ބަންދުކުރެވުނީ އޭގެ ނުވަ އަހަރު ފަހުން 10 ޖުލައި 2019 ވަނަ ދުވަހު އެވެ. އޭނާ ފިލި މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށް، ދައުވާކުރުމަށް ވެސް ފޮނުވައިފަ އެވެ.

comment ކޮމެންޓް