2،000 މީހުން އައި، މުޒާހަރާކުރުން ނުހުއްޓާނަން: އަދުރޭ

ޕީޕީއެމް-ޕީއެންސީން އެ ދެ ޕާޓީގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ ޕީޕީއެމް-ޕީއެންސީން ކުރިއަށް ގެންދިޔަ އެއްވުމަށް 2،000 އެއްހާ މީހުން ދިޔަ ކަމަށާއި މުޒާހަރާ ފަށައިފިނަމަ ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އެންމެ ފުރަތަމަ ނިންމީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކާނިވަލުގައި ޖަލްސާއެއް ބޭއްވުމަށް ކަމަށާއި ނަމަވެސް އެކަމަށް ސަރުކާރުން ހުއްދަ ނުދިނުމުން ޕީޕީއެމް އޮފީސް ދޮރުމައްޗަށް އެއްވުމަށް ގޮވާލީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ތަން ބަދަލުވެގެން ކުއްލި ގޮތަކަށް ގޮވާލީމަ ވެސް މިތަނަށް އައޭ 2،000 އެއްހާ ދިވެހި ރައްޔިތުން. އަދިވެސް މިތާ މަގުމަތީގައި އެބައުޅޭ 500-600 އެއްހާ ދިވެހި ރައްޔިތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕީޕީއެމުން ބޭއްވި އެއްވުން، ފުލުހުން ރޫޅާލުމުން އަބްދުއްރަހީމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި މުޒާހަރާކުރާނަމަ އެމްޑީޕީގެ ސަރުކާރުން ވަރަށް ބިރު ގަންނާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މި މުޒާހަރާ ކުރަން ފަށައިފިނަމަ ހުއްޓާނެ ބައެއް ނޫން. ކޮޅެއްގަ ޖެހުނީމަ ނިންމާނީ. އެކަން ވަރަށް ރަނގަޅަށް އެމްޑީޕީއަށް އެނގޭނެ. އެނގޭތީ އެ ބިރު ގަންނަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީން އެ ދެ ޕާޓީގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް މިރޭ ޕީޕީއެމުން ބޭއްވު އެއްވުމުގެ ތަފްސީލު ހާމަކޮށް އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ، އެއްވުމުގައި 100 އަށްވުރެން ގިނަ މީހުން ބައިވެރިވި ކަމަށް ވިދާޅުވެފައެވެ. އަދި އެ އެއްވުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ނުވާނެކަމަށް އެ ސަރަހައްދަށް ދިޔަ ބައެއް ނޫސްވެރިން ވެސް ވަނީ ބުނެފައެވެ.

ގާނޫނާއި ހިލާފަށް އެއްވުން ބޭއްވުމަކީ މަނާ ކަމެއްކަމަށް ފުލުހުން އިއުލާން ކޮށްފައިވަނިކޮށް، މިރޭ ޕީޕީއެމް-ޕީއެންސީން ބޭއްވި އެއްވުމުގައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި 12 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް އެ ހުރިހާ އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް