މަޖިލީހުގެ ރައީސް ނަޝީދު އައްޑުއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ އަށް ވަޑައިގަތުމުން ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ --- ފޮޓޯ:އެމްޑީޕީ

ގއ. ވިލިނގިލީގައި އޮތް ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާ ނިންމަވާލެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ އަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު އައްޑުއަށް ވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން ޕާޓީގެ އެހެން ބައެއް މެމްބަރުންނާ އެކުގަ އެވެ.

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތުމުން، ހިތަދޫއިން އެމަނިކުފާނުގެ ޓީމަށް މަރުހަބާ ދެންނެވީ ސިޓީ ކައުންސިލުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ.

ރައީސް ނަޝީދު ވަނީ ހިތަދޫގައި އަލަށް އިމާރާތްކުރާ އެމްޑީޕީ ހަރުގެއާއި އޮފީސް ބައްލަވާލައްވައިފަ އެވެ. އަދި ހިތަދޫ އަދި މަރަދޫ ފޭދޫ އެމްޑީޕީ ހަރުގޭގައި އެޕާޓީގެ ބައެއް އިސްފަރާތްތަކާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުގައި މާދަމާ ހުޅުމީދު އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ނަޝީދު އައްޑޫއަށް ވަޑައިގެންފައި މިވަނީ، ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށްފަހު އެވެ.

comment ކޮމެންޓް