ސޫރިޔާގެ ތެޔޮ ވަޅުތަކުން ވައްކަންކުރާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް

މާރިއާ ޒަޚަރޫވާ

މޮސްކޯ (ނޮވެމްބަރު 2) : ސޫރިޔާގެ އިރު އުތުރުގައި އިސްތިއްމާރީ އުސޫލުން އެމެރިކާ ސިފައިން ބައިތިއްބައިގެން އެމެރިކާއިން ސޫރިޔާގެ ތެޔޮ ވަގަށް ނަގައި ސްމަގްލް ކުރަމުން ގެންދާކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާރިޔާ ޒަޚަރޫވާ ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާ ސަރުކާރުގެ ހުއްދައަކާ ނުލައި އިސްތިއްމާރީ އުސޫލުން އެމެރިކާ ސިފައިން ސޫރިޔާގެ އުތުރަށް ފޮނުވައިގެން އެމެރިކާ ހިންގަނީ ކުރިއަރާފައިވާ ޒާމާނެއްގައި "މޮޑަން" ދައުލަތަކުން ހިންގާ އެންމެ ބޮޑު ވައްކަމާއި ފޭރުން ކަމުގަ އެވެ.

ޒަޚަރޫވާ ވިދާޅުވީ އެމެރިކާ އިން އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާގެ އިރު އުތުރަށް ގަވައިދާ ޚިލާފަށް ވަދެގެން އުޅެނީ ސިޔާސީ މަގްސަދުތަކާއި އިގްތިސާދީ މަގްސަދުތަކެއް ޙާސިލް ކުރުމަށް ކަމަށާ އައިއެސް ހަނގުރާމަކުރުމުގެ ޝިއާރަކީ ނަމެއްގައި އެމެރިކާ ދުނިޔެއަށް ދައްކާ ދަޅައެއް ކަމުގަ އެވެ. ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ދުނިޔޭގައި އެންމެ ބޮޑަށް އެމެރިކާ ވަކާލާތުކުރާއިރު އެކަންވެސް ކުރަނީ ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށާ އަދި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ނާޖާއިޒު ފައިދާ ނެގުމުގެ މަކަރުވެރި މަގްސަދުގައި ކަމަށް ޒަޚަރޫވާ ވިދާޅުވިއެވެ.

އެމެރިކާއަކީ ދުނިޔޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ގާނޫނުން ބޭރުން މީހުންމަރައި ބޮޑެތި ޖަރީމާތައް ހިންގާ ގައުމެއްކަމަށް ވެސް ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާރިޔާ ޒަޚަރޫވާ ސިފަކުރެއްވި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާވަނީ އައިއެސް ޖަމާއަތުގެ ހަމަލާތަކުން ސޫރިޔާގެ ތެޔޮ ވަޅުތައް ރައްކާތެރިކުރުމަށް އެމެރިކާ ސިފައިން އެވަޅުތަކުގެ ވަށަގެން ފޯރިމަރަން ދާއިމީ ގޮތަކަށް ތިބޭނެ ކަމަށާ ސޫރިޔާގެ ތެޔޮވަޅުތައް ދޫކޮށްފައި އެމެރިކާ ސިފައިން ނުދާނެކަމަށް ވިދާޅުވެ މިދިޔަ ހަފްތާގައި ވާހަކަ ދައްކަވާފަ އެވެ.

އެކަމަށް ރައްދު ދެއްވައި ރަޝިޔާގެ ދިފާއީ ވުޒާރާގެ ތަރްޖަމާން އިގޯރް ކޮނަޝެންކޯވް ވަނީ އެމެރިކާގެ މިފަދަ އަމަލުތަކުގެ ހަގީގަތް ރަޝިޔާ އަށް އޮޅުވާނުލެވޭނެ ކަމަށާއި އެމެރިކާއަކީ ކޮން ގައުމެއްކަން ރަޝިޔާ ދަންނަކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ސޫރިޔާގެ ތެޔޮވަޅުތައް ހިފައި، އެތަންތަން އެމެރިކާގެ ބާރުގެ ދަށަށް ގެނެސްގެން އެމެރިކާއިން ކުރާ ކަމަކީ، ވައްކަން ކުރުންކަމަށާ އެއީ ދައުލަތަކުން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ އެންމެ ބޮޑު ވައްކަން ކަމާއި ފޭރުން ކަމަށް ކޮނަޝެންކޯވް ސިފަކުރެއްވި އެވެ.

ސޫރިޔާގެ ތެޔޮވަޅުތައް އައިއެސްގެ ކިބައިން ސަލާމަތް ކޮށްދޭވާހަކަ އެމެރިކާ ދައްކާއިރު ސޫރިޔާގައި އދ. ގަބޫލުކުރާ ސަރުކާރެއް އެބައޮތް ކަމަށާ ސޫރިޔާގައި ރައްޔިތުން ވެސް އެބަތިބިކަމަށާ ސޫރިޔާގެ ރައްޔިތުން އެކަން އެމެރިކާއާ ހަވާލުކުރިތޯ ކޮނަޝެންކޯވް ސުވާލު އުފެއްދެވި އެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ދާދިފަހުން ހަމާކުރި ސެޓެލައިޓް ފޮޓޯތަކުން، ފުރާތު ކޯރުގެ އުތުރު ސަރަހައްދުތަކުގައި އައިއެސް ޖަމާއަތް ބަލިވުމުގެ ކުރިންނާއި އޭގެ ފަހުން ވެސް އެ ސަރަހައްދުތަކުގައިވާ ސޫރިޔާގެ ތެޔޮވަޅުތަކުން ތެޔޮ ނަގައިގެން އެމެރިކާ ސިފައިންގެ ޙިމާޔަތުގައި އެތެޔޮ އެމެރިކާއިން ސްމަގްލްކުރަމުން ދާކަންވަނީ ދުނިޔެއަށް ބޭޒާރުވެފަ އެވެ. ރަޝިއާގެ ސެޓަލައިޓް ފޮޓޯތަކަށް އެމެރިކާ ކޮމެންޓްކޮށްފައެއް ނުވެ އެވެ.

ރަޝިޔާ ބުނާ ގޮތުން ސޫރިޔާގެ ތެޔޮ ސްމަގްލްކުރަނީ ސޫރިޔާގެ އިރު އުތުރުގައި ގައިވައިދާ ޚިލާފަށް ތިބޭ އެމެރިކާ ސިފައިންނާއި، ކޮންޓްރެކް އުސޫލުން އެމެރިކާ ގެންގުޅޭ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުން ތެޔޮ އުފުލާ ލޮރީތަކުގަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރުގައި ހުރި އިރު ސޫރިޔާގެ ތެޔޮ ފީފާއެއް އެމެރިކާގެ ބެލުމުގެ ދަށުން ސްމަގްލްކޮށްގެން ވިއްކަނީ ފީފާއެއް 38 ޑޮރަލުގެ ރޭޓޫން ކަމަށާ މިއީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ބޭނުންވާ ފަންޑް ހޯދުމަށް އެމެރިކާ ހިންގާ ވައްކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޫރިޔާގެ ތެޔޮވަޅުތަކުން ވައްކަންކޮށްގެން މަހަކު 30 މިލިއަން ޑޮލަރުގެ އާންދަނީއެއް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހޯދާއިރު 'ފިލައިގެން ތިބެ ހަމަލާދޭ އައިއެސްގެ ޓެރަރިސްޓުންގެ ކިބައިން ސޫރިޔާގެ ތެޔޮވަޅުތައް ހިމާޔަތް ކުރަން އެމެރިކާ ތައްޔާރަށް އޮންނާނެކަމީ ޝައްކެތް އޮތްކަމެއް ނޫންކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ސޫރިޔާގެ ގިނަ ތެޔޮވަޅުތައް ހުންނަނީ އެގައުމުގެ އިރު އުތުރުގެ ސަރަހައްދުތަކުގަ އެވެ. ކުރިން އެސަރަހައްދުގެ ބައެއް ތެޔޮ ވަޅުތަކަށް އަތްގަދަކޮށްގެން އެތަނުގެ ތެލުން ވައްކަންކުރީ ތުރުކީގެ އެހީތެރިކަން ލިބިގެން އައިއެސް ޖަމާއަތުން ކަމަށްވެ އެވެ. އައިއެސް އިން ވަގަށްނަގާ ތެޔޮ އަގުހެޔޮކޮށް ގަންނަނީ އެމެރިކާއާއި ތުރުކީ ކުންފުނިތަކުންކަމަށް ސޫރިޔާ ސަރުކާރުން އެތައް ފަހަރަކު ތުހުމަތުކޮށްފައިވެ އެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ޓަކައި އައިއެސް އަށާއި ސޫރިޔާގެ އިދިކޮޅު ހަނގުނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ތުރުކީ ހިމެނެ އެވެ. އައިއެސް އާ ގުޅުމަށް ޓަކައި ސޫރިޔާއަށް ދާ ބޭރުގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު ތުރުކީ މަގުން ގޮސްފައިވާ އިރު އެކަމާ އަޅާނުލާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވެސް ވަނީ ކުރެވިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް