ރައީސް ސޯލިހަށް ފާޑެއް ނުކިޔަން، ނަޝީދަށް ފާޑުކިޔަނީ ދިވެހިންނާ ބީރައްޓެހި ވާހަކަ ދައްކަވާތީ: ޖޭޕީ

ރައީސް ނަޝީދު އަދި ގާސިމް: ރައީސް ނަޝީދަށް ފާޑުވިދާޅުވާން ޖެހެނީ ދިވެހިންނާ ބީރެއްޓިހި ވާހަކަދައްކާތީ ކަމަށް ޖޭޕީން ވަނީ ބުނެފައި --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މިންވަރަކަށް ފާޑު ކިޔާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔަނީ ދިވެހިންނާ ބީރައްޓެހި ވާހަކަ ދައްކަވާތީ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖޭޕީން އެހެން ބުނެފައި ވަނީ، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރޭ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.

އެގޮތުން އަލީ އާޒިމް ވިދާޅުވީ ސަރުކާރުގައި ތިބެގެން ޖުމްހޫރީ ޕާޓީން ސަރުކާރަށް ފާޑު ކިޔާނެ ކަމެއް ނެތް ކަމަށާއި ފާޑު ކިޔަން ބޭނުން ނަމަ ސަރުކާރުން ނިކުމެ އެކަން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށްވީ ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި އެހެން ކަމުން ޖުމްހޫރީ ޕާޓީން އަދި އެ ޕާޓީގެ ލީޑަރު ވެސް އެމްޑީޕީއަށް ފާޑު ކިޔައިގެން ނުވާނެ ކަމަށެވެ.

އަލީ އާޒިމްގެ ވާހަކަތަކާ ގުޅިގެން ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން މިހާތަނަށް މި ސަރުކާރަށާއި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މިންވަރަކަށް ފާޑުކިޔާފައި ނުވާނެ ކަމަށާއީ އަލީ އާޒިމް ދައްކަވާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި މަޖިލީހުގެ ރައީސް ނަޝީދު ކުރައްވާ ކަންކަމަށާއި ދައްކަވާ ވާހަކަތަކަށް ފާޑުކިޔަން ޖެހެނީ، އެކި އެކި ކަންކަމުގައި ދިވެހިންނާއި ބީރައްޓިހި، ގައުމީ ދީނީ އެއްބައިވަންތަކަށް ގެއްލޭ މިންވަރަށް ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ކަން ވަނީ ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފަ އެވެ. އަދި ކޯލިޝަނުގައި ޖޭޕީ އޮތް ނަމަވެސް އިސްލާމް ދީނާއި ގައުމާއި ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާ ނަމަ އެކަމާ ދެކޮޅަށް ވާހަކަ ދައްކާނެ ކަން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކަންކަން އިސްލާހު ކުރަން ޖޭޕީން ބާރު އެޅި ނަމަވެސް މިހާތަނަށް ރައީސް ސޯލިހު ގެންގުޅުއްވާ "ހަރުދަނާ ސިޔާސަތުތަކަށް" ޖޭޕީން ވަނީ މަރުހަބާ ކިޔައިފަ އެވެ.

comment ކޮމެންޓް