ޖުޑީޝަލް ކައުންސިލުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނެކަމުގެ އިންޒާރު ޖޭއެސްސީން ދީފި

ޖުޑިޝަލް ސާވިސަސް ކޮމިޝަނުގެ މެމްބަރުންތަކެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދާދި ފަހުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހުތައް ބަލައިނުގަތުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނަގައި ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓްތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް ހިމެނެ އެވެ.

އެ އިސްލާހުތައް ތަސްދީގުކޮށް އަމަލު ކުރަން ފެށީ، މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

މި އިސްލާހުތަކާ މެދު ކައުންސިލަށް ފެންނަ ގޮތްތަކެއް ކަނޑައަޅަން ޖުޑީޝަލް ކައުންސިލުން މިރޭ ބައްދަލުވުމެއް ބާއްވަމުން ގެންދާ އިރު، ޖުޑީޝަލް ސާވިސަސް ކޮމިޝަނުން މިރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގައި، ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލުނުކުރުމަށް، ނުވަތަ އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް، ނުވަތަ އެ އިސްލާހުތައް ބަލައިނުގަތުމަށް ޖުޑިޝަލް ކައުންސިލުން ނިންމައިފިނަމަ އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

https://sun.mv/126684

ޖުޑިޝަލް ކައުންސިލުގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި، ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓާއި ޑްރަގު ކޯޓުގެ އިސް ގާޒީންނާއި، ދ. ހިތަދޫ ކޯޓާއި ހއ. ދިއްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.

ޖުޑީޝަލް ކައުންސިލުން ވެސް މިރޭ ކުއްލި ބައްދަލުވުމެއް ބާއްވާއިރު ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް ޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.

comment ކޮމެންޓް