އެތައް ފުރުސަތަކަށްފަހު ވިކްޓަރީއަށް ފަހު އިންޒާރު ދީފި

ވިކްޓަރީ ސްޕޯޓްސް ކުލަބުން މިއަހަރު ލީގުގެ މެޗަކަށް ނުކުތުމުގެ ކުރިން -- ފޮޓޯ// އެފްއޭއެމް

މާލީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓި އަޑިއަޅާލާފައިވާ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބަށް ގިނަ ފުރުސަތުތަކެއް ދިނުމަށްފަހުވެސް އިސްލާހު ނުކުރުމުން އެފްއޭއެމްއިން އެންމެ ފަހުގެ އިންޒާރު ދީފިއެވެ.

ވިކްޓަރީގެ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލައާއި މެޗުތަކަށް ހާޒިރުނުވާ މައްސަލައިގައި ދިރާގު ދިވެހި ޕްރިމިއާ ލީގުން ވަކިކޮށްފާނެކަމުގެ އިންޒާރުގެ އިތުރުން ކުލަބު ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމުން މިއަދު ވަނީ ދީފައެވެ.

ވިކްޓަރީއަށް މިހާތަނަށް އެކުލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ ފުރުސަތުތަކެއް އެފްއޭއެމުން ވަނީ ދީފައެވެ. އެގޮތުން ވިކްޓަރީގެ ދަރަނިތައް ދެއްކުމަށް މީގެ ކުރިން އެފްއޭއެމުން އެކުލަބަށް ލޯނުތައްވެސް ދީފައިވާ އިރު މި އަހަރުގެ ސީޒަނުގައިވެސް ހަތަރު މެޗަކަށް ހާޒިރުނުވުމުންވެސް ސަސްޕެންޑް ނުކޮށް ވިކްޓަރީއަށް ދިން އަދަބަކީ ޖޫރިމަނާއެކެވެ. އެފްއޭއެމުން ވިކްޓަރީއަށް އެތައް ގޮތަކުން ފުރުސަތުތަކެއް ދިނުމުންވެސް އެކުލަބުގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ އެ އިދާރާއިން މިއަދު ވަނީ ވިކްޓަރީއަށް ފަހުގެ އިންޒާރު ދިނުމަށް ބަޔާނެއް ނެރެފައެވެ.

"މި އެސޯސިއޭޝަނުގެ ފަރާތުން އެކި ފަހަރު މަތިން އެކި ކަހަލަ ފުރުސަތުތައް ދެވިފައިވީ ނަމަވެސް، އަދި މިއަދާ ހަމައަށްވެސް ކުޅުންތެރިންނާ ކޯޗުންގެ މުސާރައިގެ މައްސަލައަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ފަރާތުން ހައްލެއް ހޯދިފައި ނުވާތީއާއި، މިކަން ތަކުރާރުވަމުން ދާތީ، އަދި މިކަމަށް ހައްލެއް ހޯދުމަކީ މި އެސޯސިއޭޝަނުގެ ޒިންމާއެއް،" އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެ ބަޔާނުގައި އެފްއޭއެމުން ވަނީ ވިކްޓަރީން ވެފައިވާ ތިން އިހުމާލަކަށް އަދަބު ދޭނެ ކަމަށް އިންޒާރުތަކެއް ދީފައެވެ. ފުރަތަމަ ކަމަކަށް ބަޔާނުގައި ފާހަގަކޮށްފައި ވަނީ ކުލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ހާޒިރުނުވާ މައްސަލައެވެ.

"މިއަދުން ފެށިގެން ފުޓުބޯޅަ އެސޯސިއޭޝަނުގެ ޑިސިޕިލަނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (އ)ގެ ދަށުން ޓްރާންސްފާ ހުއްޓުވުމަށް އެފްއޭއެމްގެ އެކްސްކޯއިން ވަނީ ފާސްކޮށްފައި. އަދި 13 ޑިސެމްބަރު 2019 ވަނަ ދުވަހު، ވިކްޓަރީ ސްޕޯޓްސް ކުލަބުން ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުނުވެއްޖެނަމަ، ޑިސިޕިލަނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (ބ)ގެ ދަށުން ދިވެހި ޕްރިމިއާ ލީގުން ވިކްޓަރީ ވަކިކުރެވޭނެ،"

މި ސީޒަނުގައި ވިކްޓްރީގެ ޓީމު ޖުމްލަ ހަތަރު މެޗަށް ހަމަނުވެ ދިޔައިރު އޭގެ ތެރޭގައި އެންމެ ފަހުން ކުޅެން އޮތް ތިން މެޗު ހިމެނެއެވެ. ލީގުގައި މިހާތަނަށް ވިކްޓްރީން ހާޒިރުނުވެ އޮތް މެޗުތަކަށް އެ ޓީމު ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށް ހާޒިރުނުވުމުން އެފްއޭއެމުން ވަނީ ކުށް ތަކުރާރުކުރުމުން އަދަދު ބޮޑުވާ އުސޫލުން ޖޫރިމަނާކޮށްފައެވެ.

ދެވަނަ ކަމަކަށް އެފްއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލައެވެ. ވިކްޓަރީއަކީ މިދިޔަ ސީޒަނުގައިވެސް އެ މައްސަލަ ދިމާވެގެން އެފްއޭއެމުން އިންޒާރު ދީފައިވާ ކުލަބެކެވެ. ވިކްޓަރީއަށް މި ސީޒަނުގައި ބައިވެރިވެވުނީވެސް އެންމެ ފަހު ދުވަހު އެ ފައިސާ ދެއްކުމުންނެވެ. ނަމަވެސް އެއަށްފަހު މި ސީޒަނުގައި ވިކްޓަރީން މިހާތަނަށް ކުޅުންތެރިންނަށް މުސާރަ ނުދޭތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެކަމަށް އެކުލަބުގެ ކުޅުންތެރިން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސް ކޮމިޓީއަށްވެސް ވަނީ ހުށައަޅާފައެވެ.

"15 ނޮވެމްބަރު 2019 ގެ ކުރިން ކުޅުންތެރިންނާ ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ޚަލާސްކުރުމަށް ވިކްޓަރީއަށް އަންގަން. މި އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ ފުޓުބޯޅަ އެސޯސިއޭޝަނުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (3) (0) އަދި 37 ވަނަ މާއްދާގެ (1) އާއި އެއްގޮތް ވާ ގޮތުގެ މަތިން މި އެސޯސިއޭޝަނުގެ އެކްޒެކެޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރެއިން ވިކްޓަރީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ޕްރޮވިޝަނަލީ ސަސްޕެންޑް ކުރެވޭނެ ވާހަކަ ދަންނަވަން،"

ވިކްޓަރީއަށް ދިމާވެފައިވާ މާލީ ހާލަތުން އެ ކުލަބު އަރައިގަންނަން ބޮޑު ހޭދައެއް ކުރަން ޖެހޭ އިރު އެ ތަނަވަސްކަން ކުލަބުގެ މެނޭޖްމެންޓުގައި ނެތްކަން އެ ކުލަބުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. ނަމަވެސް އެހެން ކަންތައް ދިމާވާން ޖެހުނީ މެނޭޖްމެންޓުގެ އިހުމާލުން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. އެފްއޭއެމުން ކުރިން ބުނީ ވިކްޓަރީއަށްވެސް އެހެން ކުލަބުތަކެކޭ އެއްފަދައިން އެ އިދާރާއިން ދެމުންދާ ފައިސާ ދީފައިވާ ކަމަށެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ފަހު ކަމަކަށް އިންޒާރު ދޭނެ ކަމަކަށް ހުށައަޅާފައި ވަނީ، ކުލަބުގެ ލައިސެންސްގެ ކަންކަން ފުރިހަމަ ނުކުރާކަމުގެ މައްސަލައެވެ. އެފްއޭއެމުން ބުނީ ވިކްޓްރީން ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރުމަށް މަޝްވަރާކޮށް ފުރުސަތުދީ އެކަންކަން ފުރިހަމަކުރެވެންދެން އެ ޓީމަށް ވަގުތީ ގޮތުން ޕްރޮވިޝަނަލް ލައިސަންސެއް ދީފައިވާނެ ކަމަށެވެ.

އަދި އެ ލައިސަންސް ދިނުމުގައި ފުރިހަމަކުރަން އަންގާފައިވާ ކަންކަން ފުރިހަމަނުވުމުގެ ސަބަބުން ކްލަބް ލައިސަންސްގެ ގަވާއިދުތަކާ ހިލާފުވެފައިވާތީ މި މަހުގެ 15 ގެ ކުރިން ކްލަބް ލައިސަންސްގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމަންވެސް ވިކްޓްރީއަށް އެފްއޭއެމުން ވަނީ އަންގައިފައެވެ.

comment ކޮމެންޓް