ދެ ސައިކަލެއް ޖެހި ތިން މީހަކަށް އެކި ވަރުގެ އަނިޔާ

އެ ހާދިސާ ހިނގާފައިވަނީ މޭރީބްރައުން ކައިރީގައި --- ސަން ފައިލް ފޮޓޯ

މާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގު މެރީބްރައުން ސަރަހައްދުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މައުލޫމާތު މިއަދު 15:45 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ 36 އަހަރުގެ އަންހެނަކަށާއި 28 އަހަރާއި 20 އަހަރުގެ ދެ ފިރިހެނުންނަށެވެ.

ފުލުހުން ބުނީ އަނިޔާވި އަންހެން މީހާގެ ބޯފަޅައިގެން ގޮސް ފައިގައި ރެނދުލައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި 20 އަހަރުގެ މީހާގެ ދަތްދޮޅި ފަޅައިގެން ދިޔައިރު 28 އަހަރުގެ މީހާއަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވި ފަރާތްތަކަށް އައިޖީއެމްއެޗްއިން ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލު، މޭރީބްރައުން އާ ހަމައިން ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

comment ކޮމެންޓް