ރެޕިޑް ފަޔާ: ހަގީގީ ރީޒަންއަކީ އަދިވެސް ސީޒަން

ސުރުހީއާ ދެކޮޅު ނުހަދާ އިހަށް މަޑުކޮށްބަލާށެވެ. "ސީޒަން" އަކީ "ދަ ރީޒަން"އަށް ނުވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟

ސީޒަންއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ އެކަކުވެސް ނޫޅޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ އިސްކޮޅުގެ ވާހަކައާއި ބުރުސޫރަ ރީތި ވާހަކަ އެންމެންވެސް ދައްކައެވެ. އަދި ހުނަރުވެސް އެހާ ގަދައީއެވެ--ލޯބީގެ މަންޒަރުތަކުން ފެށިގެން ނުބައިބައި ރޯލުތަކަށްވެސް ސީޒަން ހަމަ އެންމެ ބަރާބަރެވެ.

"އަނދިރިކަން" ނަމަކަށް ކިޔާ ޑްރާމާ ފިލްމެއްގެ މަސައްކަތުގައި އުޅެމުން ވަގުތުކޮޅެއް ހުސްކޮށް ސީޒަން ވަނީ "ސަން"ގެ ރެޕިޑް ފަޔާ ޗެލެންޖުގައި ބައިވެރިވެފައެވެ.

ރެޕިޑް ފަޔާގެ ޗެލެންޖުގައި ސީޒަން ވަނީ އޭނާގެ "ޕާސަނަލް" ގިނަ ވާހަކަތަކެއް ކިޔައިދީފައެވެ. އެންމެ ބޮޑު އެއް ވާހަކައަކީ އޭނާގެ އައިނުގެ ވާހަކައެވެ. ރޭގަނޑެއް ދުވާލެއް، އެތެރެއެއް ބޭރެއް ބަލާނެ ކަމެއް ނެތެވެ--އާންމުންނަށް ސީޒަން އަބަދުވެސް ފެންނަނީ އަވި އައިނު އަޅައިގެން ހުންނަ ތަނެވެ. އެކަމަކު އޭނާ ބުނީ އަސްލު އެހާ ގިނައިން އައިނު ނާޅާ ކަމަށާއި، އަބަދު އަވި އައިނު އަޅައިގެން އުޅޭތަން ފެންނަނީ "ވަގުތާ ހާލަތާ ދިމާކުރާ ގޮތުން" ކަމަށެވެ.

ރިހާކުރުދިޔައާއި ރޮށި މީރުކަމަށް ބުނާ ސީޒަން ވަނީ، އޭނާގެ ކައިވެނިތަކާއި ލޯބީގެ ވާހަކަތައްވެސް ކިޔައިދިނެވެ.

މީގެ އިތުރުން ސީޒަން ބުނީ ޔޫރަޕަށް ދަތުރެއް އަޅާލަން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ. އަދި އާއިލާއާ އެކު އިންޑިއާގެ ސިމްލާއަށްވެސް ދާން ބޭނުންވެފައިވާ ކަމަށާއި، ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް އެ ދަތުރު ދެވިފައި ނުވާކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް 35 ފިލްމާއި 1،000 އަށް ވުރެ ގިނަ ލަވަ ކުޅެފައިވާ ސީޒަން ބުނި ގޮތުގައި، ފިލްމީ ދާއިރާގައި އާންމުކޮށް އެންމެންނާއެކުވެސް މަސައްކަތްކުރުމަށް ފަސޭހައެވެ. އޭނާ ފާހަގަކުރި ބައެއް ނަންތަކުގެ ތެރޭގައި ޝީލާ ނަޖީބު، ނިއުމާ މުހައްމަދު، މަރިޔަމް އައްޒަ އަދި ނުޒުހަތު ޝުއައިބު ހިމެނެއެވެ.

ދެން ސީޒަންގެ އިތުރު ވާހަކަތައް ހޯދާލުމަށް ވީޑިއޯ ބަލައިލާށެވެ. އަދި އޭނާއަކީ ހަގީގީ "ރީޒަން"ތޯ ކަނޑައަޅާބަލާށެވެ.

comment ކޮމެންޓް