ކްރޫޒްލައިނަރުގެ ފަތުރުވެރިން މާލެ "ފުރާލައިފި"

"ކޮސްޓާ ވިކްޓޯރިއާ" ކްރޫޒަލައިނަރުން އައި ފަތުރުވެރިން އިއްޒުއްދީން ފާލަން ސަރަހައްދުގައި: ދުރުން ފެންނަނީ ކޮސްޓާ ވިކްޓޯރިއާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހެނދުނުގެ ވަގުތުގައި ފިނި ބުރެއް ޖަހާލަން މާލޭ މަގުމައްޗަށް ނުކުތް އިރު، ކަޅި އެއްލި ކޮން ދިމާލަކުން ފަތުރުވެރިން ފެންނަމުން ދިޔަ އެވެ. ރާޅުގަނޑު ސަރަހައްދުން ފެށިގެން ރަސްފަންނާ ހިސާބަށް ގްރޫޕު ހަދާލައިގެން ފަތުރުވެރިން މާލެ ކުޑަ ކުރަމުން ދިޔަ އެވެ. ވެގެން އުޅެނީ ކިހިނެއްތޯ ބަލާލަން ބޭރު މަގުން ލާފައި އިއްޒުއްދީން ފާލަމާ ހިސާބަށް ދިޔަ އިރު މީސް މީހުން ކަރުން ނާރު އަރުވާފައި ކަނޑާ ދިމާލަށް ބަލަމުން ދިޔަ އެވެ. އެ މީހުން ބަލަމުން ދިޔަ ދިމާލަށް ބަލާއިރު މާލެއާ މާ ދުރު ނޫން ހިސާބެއްގައި ބިޔަ ކްރޫޒްލައިނަރެއް ނަގިލިލާފައި އެބަ އޮތެވެ.

އެ ހިސާބުން ކަންތައްތައް ސާފު ވާން ފެށި އެވެ. މާލެއަށް ގިނަވެގެން މި އުޅެނީ އެ "ކޮސްޓާ ވިކްޓޯރިއާ" ނަމަކަށް ކިޔާ އެ ބިޔަ ބޯޓުން އައިސްގެން އުޅޭ ފަތުރުވެރިންކަން އެނގުނެވެ. ހަމަ ޔަގީނުން ވެސް ކްރޫޒްލައިނަރު ސީޒަން ފެށުނީ އެވެ.

މާލެ ކައިރީގައި މަޑުކޮށްފައި އޮތް ކޮސްޓާ ވިކްޓޯރިއާ ކްރޫޒްލައިނަރު -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ކޮސްޓާ ކްރޫޒަސްއިން ހިންގާ ކޮސްޓާ ވިކްޓޯރިއާ އަކީ 1996 ވަނަ އަހަރު އޮޕަރޭޓު ކުރަން ފެށި ބޯޓެކެވެ. އެ ބޯޓުގެ އިންޓީރިއާ ހަދާފައި ވަނީ ސްވިސް އަދި އިޓާލިއަން ސްޓައިލަށެވެ. އަށްސަތޭކަ ހަތާވީސް ފޫޓު ދިގު އެ ބޯޓުގައި 700 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރެ އެވެ. އަދި އެ ބޯޓުގައި 2300 އަށް ވުރެ ގިނަ ފަސިންޖަރުންގެ ޖާގަ ހުރެ އެވެ. ހަތް ޑެކު ހުންނަ އެ ބޯޓުގައި ރެސްޓޯރެންޓުތަކާއި ސްޕާތަކާއި ފިހާރަތާކާއި ބޮޑެތި އިންޑޯ ސްވިމިން ޕޫލްތައް ހުރެ އެވެ.

އެ ބޯޓުން މީހުން މާލެއަށް އަންނަނީ ކުޑަ ކުޑަ ފެރީތަކެއްގައްގަ އެވެ. އެއް ފަހަރާ އަންނަނީ ސަތޭކައެއްހާ މީހުންނެވެ. އެ މީހުން މާލެއަށް ގެނެސް، ހޭންޑްލިންގެ ކަންކަން ހަމަޖައްސަނީ "އެލިއަންޒް" ކިޔާ އަމިއްލަ ކުންފުންޏަކުންވެ. އެ ކުންފުނީގެ އޮފިޝަލުން ފާލަން ސަރަހައްދުގައި ކޭމްޕު ޖަހާލައިގެން ފަތުރުވެރިންނަށް މަރުހަބާ ކިޔަން އެބަ ތިއްބެވެ.

"ކޮސްޓާ ވިކްޓޯރިއާ" ކްރޫޒަލައިނަރުން އައި ފަތުރުވެރިން ރަސްފައްނު ސަރަހައްދުގައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެލިއަންޒް ކުންފުނީގެ އޮފިޝަލަކު ބުނި ގޮތުގައި މިހާރު ވެސް ކޮސްޓާ ވިކްޓޯރިއާގައި 2000އެއްހާ ފަސެންޖަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި އެކި ނަސްލުތަކުގެ އެކި ގައުމުތަކުގެ މީހުން ހިމެނެ އެވެ. ރާއްޖެ އަކީ އެ ކްރޫޒްލައިނަރު ދަތުރު ކުރާ ހަ ޑެސްޓިނޭޝަނުގެ ތެރެއިން ޑެސްޓިނޭޝަނެކެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި ކޮސްޓާ ވިކްޓޯރިއާ މާލާގައި މަަޑު ކުރާނީ ތިން ދުވަހަށެވެ.

މިއަދު ހެނދުނު ކޮސްޓާ ވިކްޓޯރިއާއިން މާލެއަށް މީހުން އަންނަން ފެށީ ހެނދުނު ގާތްގަނޑަކަށް 9:00 އެހާކަންހާއިރު އެވެ. އެ މީހުން މާލެތެރެއަށް "ދޫކޮށްލާފައި" ތިބީ މާލެތެރެ ބަލާލައި ތަޖުރިބާ ކޮށްލާށެވެ.

"ކޮސްޓާ ވިކްޓޯރިއާ" ކްރޫޒަލައިނަރުން އައި ފަތުރުވެރިން ރާޅުގަނޑު ސަރަހައްދުގައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހެނދުނު ގަޑީގައި އެ ބޯޓުން ފަތުރުވެރިން މާލޭގެ ހުރިހާ ދިމާލަކަށް ފަތުރިގަތެވެ. ރަސްފައްނުގައި ވެސް އެ މީހުންނެވެ. މަޖީދީމަގުގައި ވެސް އެ މީހުންނެވެ. ދިޔަ ކޮންމެ ދިމާލެއްގައި އެ މީހުންނެވެ. ގިނައީ އުމުރުން ދުވަސްވީ މީހުންނެވެެ.

ގަދަ ހޫނުގައި "ފިހިފައި" ތިއްބަސް އެ މީހުންގެ މޫނުތަކުން ފެންނަމުން ދިޔައީ އަޖައިބު ކަމެވެ. ދުވަހަކު ވެސް މާލެ ފަދަ ތަނެއް ނުފެންނާތީ ކަމަށް ވެދާނެ އެވެ. އެއީ ހިތްގައިމު މަންޒަރެކެވެ.

އެލިއަންޒްގެ އޮފިޝަލަކު ބުނި ގޮތުގައި ބޯޓުގައި ތިބި ފަތުވެރިން މެންދުރުގެ ކެއުމަށް އަނބުރާ ބޯޓަށް ގޮސްފައި ދެން އަންނާނީ ހަވީރު ގަޑީގަ އެވެ. އެ މީހުން މާލެއާ ކައިރި އެހެން ރަށްތަކަށް ވެސް ގެންދާނެ ކަމަށް އޮފިޝަލު ބުންޏެވެ.

"ކޮސްޓާ ވިކްޓޯރިއާ" ކްރޫޒަލައިނަރުން އައި ފަތުރުވެރިން އެމްއެމްއޭ ކައިރީގައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކްރޫޒްލައިނަރުތަކަށް ހާއްސަ ޓާމިނަލެއް އެޅުމުގެ ވިސްނުން ސަރުކާރުން މި އަހަރުގެ ކުރީ ކޮޅު ގެންގުޅުނެވެ. ކްރޫޒް ޓާމިނަލް އަޅަން އުޅުނީ މަސްވެރިންގެ ޕާކުގަ އެވެ. އެކަމަކު، އެ ރޭވުންގަނޑު މުޅިން ބަދަލުވެ މިހާރު އެތަނުގައި އަޅަމުން ދަނީ ފާހާނާ ބަރިތަކެކެވެ. ކްރޫޒް ޓާމިނަލަށް އަޅާނެތޯ ނުވަތަ ނޫންތޯ އަދި ސަރުކާރުން ސާފުކޮށްދީފައި ނުވެ އެވެ.

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަނެވެ. ސީޒަން ފެށި މެކުހަށް ޖަހަން ފެށުމާ އެކު އަދި އިތުރު ކްރޫޒްލައިނަރުތަކެއް ރާއްޖެ އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

comment ކޮމެންޓް