ސައުދީގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރެސްލިން މެޗެއް ބާއްވައިފި

ސައުދީގައި ފުރަތަމަ ފަހަރަށް ބޭއްވި އަންހެނުންގެ ރެސްލިން މެޗުގައި ނަޓާލިޔާ އާއި ލޭސީ އެވަންސް -- ފޮޓޯ: ޑަބްލިއުޑަބްލިއުއީ

ރިޔާޒު (ނޮވެމްބަރު 1): ސައުދީ އަރަބިއާގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރެސްލިން މެޗެއް ބާއްވައިފި އެވެ.

ސައުދީގެ ވެރިރަށް ރިޔާޒުގައި އިއްޔެ ބޭއްވި މެޗުގައި ބައިވެރިވީ ވޯލްޑް ރެސްލިން އެންޓަޓެއިންމެންޓް (ޑަބްލިއުޑަބްލިއުއީ)ގެ ދެ ތަރިން ކަމަށްވާ ނަޓާލިޔާ އާއި ލޭސީ އެވަންސް އެވެ. އެމެޗުގައި ދެބައިވެރިން ވެސް ތިބީ ބޮޑީ ސޫޓާއި އޭގެ މަތިން ޓީޝާޓު ލައިގެންނެވެ.

އަދި މެޗު ނިމުމުން ނަޓާލިޔާ އާއި ލޭސީ އެވަންސް ވަނީ ސްޓޭޑިއަމްގައި ތިބި އަންހެން ސަޕޯޓަރުންނާ ބައްދަލުކޮށް ފޮޓޯ ނަގައިފަ އެވެ.

އެމެޗު ބޭއްވީ 68،000 މީހުންގެ ޖާގަ އޮންނަ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގަ އެވެ. އަދި އިއްޔެ އެސްޓޭޑިއަމްގައި ވަނީ ކުރީގެ ބޮކްސިން ޗެމްޕިއަން ޓައިސަން ފިއުރީ އާއި ބްރޯން ސްޓްރޯމަންގެ މެޗެއް ވެސް ބާއްވާފަ އެވެ.

ސައުދީގައި ޑަބްލިއުޑަބްލިއުއީގެ ރެސްލިން މެޗުތައް ބާއްވަން ފެށީ 2014 ވަނަ އަހަރެވެ. މީގެ ކުރިން އެމެޗުތައް ބަލަން ވަދެވެނީ ހަމައެކަނި ފިރިހެނުންނަށް ކަމަށްވީ ނަމަވެސް 2017 ވަނަ އަހަރު އެގައުމުގެ ގަވާއިދުތަކަށް ގެނައި ބަދަލުތަކުގެ ދަަށުން އަންހެނުންނަށް ވަނީ ކުޅިވަރު ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދީފަ އެވެ.

ސައުދީން އެބަދަލުތައް ގެންނަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން އެގައުމަށް ގެންނަ އިޖުތިމާއީ އަދި އިގުތިސާދީ އިސްލާހުތަކުގެ ދަށުންނެވެ. އެގޮތުން ސައުދީން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އެގައުމު ދުނިޔެއަށް ހުޅުވާލުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމާއި ފުރަތަމަ ފަހަރަށް ބޭރުގެ ފަތުރުވެރިންނަށް އެގައުމަށް ދިޔުން ހުއްދަ ކުރުން ހިމެނެ އެވެ.

comment ކޮމެންޓް