ބުޅަލެއް ލައްވާ ފުލުހަކަށް ހަމަލާ ދިނުމުން، ރަޝިއާގެ މީހަކަށް 5 އަހަރުގެ ޖަލު ހުކުމެއް

މޮސްކޯ (ނޮވެމްބަރު 1): ރަޝިއާގައި ފުލުހަކަށް ހަމަލާދޭން ބުޅަލެއް ބޭނުން ކުރި މީހަކު ފަސް އަހަރަށް ޖަލަށްލުން އެކަށީގެންވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ރަޝިއާގެ ބްރޯޑްކާސްޓާ ރެން ޓީވީން ބުނި ގޮތުގައި ގެނަޑީ ޝިރުބަކޮވް ކިޔާ މީހަކު ފުލުހަކަށް ހަމަލާ ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. ނަމަވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަން ފެށީ މިދިޔަ ބުދަ ދުވަހުގަ އެވެ.

އެޓީވީން ބުނި ގޮތުގައި ހާދިސާ ހިނގި ދުވަހު ޝިރުބަކޮވް ހުރީ މަސްތުވެގެންނެވެ. އަދި މީހުން ދިރިއުޅޭ އެޕާޓްމެންޓުތަކެއް ކައިރީ އޭނާ އަޑުގަދަކުރާތީ ބަޔަކު އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން ޝިރުބަކޮވްއާ ވާހަކަ ދައްކަން ފުލުހަކު ދިޔަ އެވެ.

ނަމަވެސް އެ ފުލުސް މީހާއަށް އެއްބާރުލުން ދޭން ދެކޮޅު ހަދައި، ޝިރުބަކޮވްގެ ކައިރީގައި އޮތް ބުޅަލެއް ނަގާ ފުލުސް މީހާގެ މޫނާ ދިމާލަށް އެއްލި އެވެ. އަދި އޭގެ ސަބަބުން އެ ބުޅާ ފުލުސް މީހާގެ މޫނުގައި ވަކި އެޅި ކަމަށާއި އޭނާއަށް އަނިޔާވި ކަމަށް ރެން ޓީވީން ބުންޏެވެ.

އެހާދިސާގައި ބުޅަލަށް އަނިޔާވި ކަމެއް ނުވަތަ ފަހުން ބުޅަލަށްވީ ގޮތެއް ހޯދިފައި ނުވެ އެވެ.

އެމައްސަލައާ ގުޅިގެން ޝިރުބަކޮވްގެ މައްޗަށް ވަނީ ފުލުހަކަށް ހަމަލާ ދިނުމުގެ ދައުވާކޮށްފަ އެވެ. އަދި އޭގެ ސަބަބުން އޭނާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވާ ކަމަށް މޮސްކޯގެ މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ޝިރުބަކޮވް ވަނީ ބުޅާ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާ ކަމަށާއި ފުލުސް މީހާއަށް ދިމާލަށް ބުޅާ ފުއްމައިގެން ދިޔައީ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް