މޮންސްޓާ އެކްސްގެ ލީޑު މެމްބަރެއް ބޭންޑުން ވަކިވެއްޖެ

މޮންސްޓާ އެކްސް އިން ވަކިވެފައިވަނީ ލީޑް މެމްބަރެއް ކަމަށްވާ ވޮންހޯ --- ފޮޓޯ : ބިލްބޯޑް

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކޭޕޮޕް ބޭންޑު "މޮންސްޓާ އެކްސް"ގެ މެމްބަރެއް ކަމަށްވާ ވޮންހޯ ގްރޫޕަށް އަލްވަދާއު ކިޔައިފި އެވެ.

ވޮންހޯ ގްރޫޕުން ވަކިވުމާއެކުގައި އެތައް ފޭނުންނެއް ވަނީ އެކަމާ ހިތާމަ ފާޅުކުރަން ފަށައިފަ އެވެ. އެގޮތުން ވޮންހޯ ވަނީ ޓްވިޓާގައި ޓްރެންޑު ވެސް ވާން ފަށައިފަ އެވެ.

ވޮންހޯ ގްރޫޕުން ވަކިވާން ނިންމާފައި ވަނީ އޭނާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

މޮންސްޓާ އެކްސްގެ ރިކޯޑް ލޭބަލް ކަމަށްވާ ސްޓާޝިޕް އެންޓަޓެއިންމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެފަރާތުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ކުރިއަށް ދިޔުމަށް އެންމެ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ފެނުނީ ވޮންހޯ ގްރޫޕުން ވަކިވުން ކަމަށެވެ.

ވޮންހޯ އާ ގުޅޭގޮތުން ދާދި ފަހުން ދެކެވެން ފަށާފައިވާ ވާހަކަތަކަކީ އޭނާ މޮންސްޓާ އެކްސް އާ ގުޅުމުގެ ކުރީން ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަތަކެކެވެ.

މީގެ އިރުކޮޅެއް ކުރީން ވޮންހޯ އާންމުކުރި ސިޓީއެއްގައި ބުނެފައި ވަނީ މޮންސްޓާ އެކްސް އިން އޭނާއަށް ލިބިފައިވާ ލޯތްބަށް އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިއުޒިކް އިންޑަސްޓްރީން ފެނުން އެކަށީގެންވާކަމަށް އޭނާ ވަނީ އިޝާރާތްކޮށްފަ އެވެ.

ވޮންހޯ ގްރޫޕަށް އަލްވަދާއު ކިޔުމުން އެ ބޭންޑުގެ މެމްބަރުންގެ އަދަދު ވަނީ ހަތަކުން ހަޔަކަށް މަދުވެފަ އެވެ. މޮންސްޓާ އެކްސްއަކީ އެންމެ ބޮޑެތި ކޭޕޮޕް ބޭންޑުތަކުގެ ތެރޭގައި ހިމެނޭ އެއް ބޭންޑެެވެ.

comment ކޮމެންޓް