ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާ ގުޅޭ ފަރާތްތައް ބައްދަލުކޮށްފި

ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި ތިންވަނަ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ : ފޮރިން މިނިސްޓްރީ

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތްތައް ބައްދަލުކޮށްފިއެވެ.

ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި މިއީ ތިންވަނަ ބައްދަލުވުމެވެ.

ޝެރަޓަން ފުލްމޫން ރިސޯޓުގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުން ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގްއެވެ.

ފަތުރުވެރިންގެ ރައްކާތެރިކަމާ ބެހޭ ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : ފޮރިން މިނިސްޓްރީ

އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެފަދަ ބައްދަލުވުމެއްގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ހުރި ގޮންޖެހުންތައް އެނގި، އެކަންތައް ހައްލުކުރާނެ ގޮތާއިމެދު މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ކަމާ ބެހޭ ފަރާތްތަކާ މެދު މުއާމަލާތުކުރަން ފަސޭހަވެގެން ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތަކުގެ ސަބަބުން މިހާތަނަށް ރަނގަޅު ނަތީޖާތަކެއްވެސް ނެރެވިފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގައި ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމަކީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

comment ކޮމެންޓް