ޕޯސްޓުން ގެންނަ ތަކެތި ބަލައި ފާސްކޮށްފައި ސްޓިކާ ޖަހަނީ

މާދަމާއިން ފެށިގެން ބަލައި ފާސްކުރާ ތަކެތީގައި ސްޓިކާ ޖަހަން ފަށާނެ --- ފޮޓޯ : ކަސްޓަމްސް

ޕޯސްޓް އަދި ކޫރިއަރ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ބަލައި ފާސްކުރާ ތަކެތީގައި، އެ ފާސްކުރިކަން އަންގައިދޭ ސްޓިކާއެއް ޖެހުމަށް ކަސްޓަމްސްއިން ނިންމައިފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާރުސަލް ނުވަތަ ޕެކޭޖެއް ބަލައި ފާސްކުރާނީ ވެރި ފަރާތް ނުވަތަ ވެރި ފަރާތް ތަމްސީލުކުރާނެ ފަރާތެއް ނުވެއްޖެނަމަ، ލޯކަލް ކޫރިއަރ އޭޖެންޓެއްގެ ހާޒިރުގައި ކަމަށެވެ.

މާދަމާއިން ފެށިގެން އެ ސްޓިކާ ޖަހާނެ ކަމަށާއި އެ ސްޓިކާ ޖަހާނީ ޕާރުސަލް ބަލައި ފާސްކޮށް ނިމި، އޭޖެންޓުން އެ ޕެކޭޖު ބަންދުކުރުމުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ސްޓިކާ ޖަހާނީ ޕެކޭޖު ބަންދުކުރި ޓޭޕުގެ މަތީގައި ހުރަސް ވާގޮތަށް ކަމަށެވެ.

އެ ސްޓިކާގައި، ޕެކޭޖް ހުޅުވި ތާރީހާއި ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަކުރިކަން އެނގޭނެގޮތަށް ކަސްޓަމްސްއިން ސޮއިކޮށްފައިވާނެ އެވެ.

އެއްވެސް އެހެން ފަރާތަކުން އެފަދަ ގޮތަކަށް ސްޓިކާ ޖަހައި ނުހެދުމަށް ކަސްޓަމްސްއިން ވަނީ އަންގާފައެވެ. އަދި ބުނީ ކަސްޓަމްސްއިން ޕެކޭޖު ބަލައި ފާސްކުރިކަން ދޭހަވާނެ މޭރުމަކުން ޓޭޕު އަޅައި ސްޓިކާ ޖަހައި ހެދުމަކީ މަނާކަމެއް ކަމަށެވެ.

comment ކޮމެންޓް