ސަރުކާރުން ވިޔަފާރިކުރުމަކީ ބޮޑު ގޯހެއް: ނަޝީދު

ދެކުނު މަހާސިންތާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ވިޔަފާރި ކުރުމަކީ ބޮޑު ގޯހެއްކަމަށާއި އެއީ ވިޔަފާރީގެ ފައިދާ ނުހޯދޭ އެންމެ ބޮޑު އެއް ސަބަބުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލުތަކަށް އަމާޒުކޮށް ގއ. ވިލިނގިލީގައި މިއަދު ފެށި "ދެކުނު މަހާސިންތާ" ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވިޔަފާރީގެ އެންމެ ބޮޑު އަސާސަކީ ފައިދާ ކަމަށާއި ނަމަވެސް ސަރުކާރުން ވިޔަފާރިކޮށްގެން ފައިސާ ހޯދަނީ މުސާރަ ދިނުމަށް ކަމަށެވެ.

"ސަރުކާރުން ވިޔަފާރި ކުރުމަކީ ބޮޑު ގޯހެއް. ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ ފައިދާ. ތިމަންނާއަށް އެ ފައިދާ ހޯދުމަށް ކުރާ ކަމެއް އެއީ. މުސާރައަށް. އެމްޕީވެސް އިންނަވަނި މުސާރައަށް. އެމްޑީވެސް ހުންނަވަނީ މުސާރައަށް. ޗެއަރޕާރސަން ވެސް ހުންނަވަނީ މުސާރައަށް. ފައިދާއެއް ތިމަންނާއަކަށް ނުލިބޭ އެހެންވީމާ ފައިދާ ބޮޑު ކުރުމުގެ މާބޮޑު ބޭނުންތެރިކަމެއް އުސޫލެއްގެ ގޮތުން އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކާއި ތަފާތުވެގެންދޭ."

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލުތަކުން ވިޔަފާރި ކުރުމުގެ ބަދަލުގައި ވިސްނުމަކީ ހިދުމަތް ދޭނޭ ފަރާތެއް ހޯދުމަށް ކައުންސިލްތަކުން ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.

ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ ބިލާއެކު ކޮންމެ ރަށެއް މިނެން ޖެހޭ ކަމަށެވެ. އެގޮތުން އެރަށުގައި ހުރި ބޭނުންކުރެވޭ ބިންތަކާއި ސަރުކާރުގެ ބިންތަކާއި، އަމިއްލަ މީހުންގެ ބިންތަކާއި، ބޭނުންކުރެވޭ ރުއްގަހާއި، ފަޅާއި އެހެނިހެން ވަސީލަތްތައް ބިނާފައި ރަށުގެ އެސެޓުތައް ކަނޑައެޅޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެ ގާނޫނާއެކު ކުރިން ދެ މިލިއަން ރުފިޔާ ލިބެމުން އައި ކައުންސިލްތަކަށް 30 މިލިއަން ރުފިޔާ ލިބެން ފަށާނެ ކަމަށެވެ. ނަމަވެސް އޭގެން ކޮރަޕްޝަނަށް މަގުފަހިނުވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލުތަކުން ފައިސާގައި ޖެހުނީމާ ރަށު ހޮޅުއަށިތަކުން އެއްޗެހި ގޮވާ ގޮވުމަކީ "ހަގީގީ ޖަވާބުދާރީކުރުވުން" ކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

"ކައުންސިލަކުން އެ ފައިސާގައި ޖެހުނީމާ ހޮޅުއަށީގައި ތިބެގެން އެ ގޮވާ އެއްޗެއްސެއް، މާލޭގެ މިނިސްޓްރީއަކުން ރަނގަޅު އަދަދެއްގެ ފައިސާގައި މިނިސްޓަރަކު ޖެހިވަޑައިގަތުމުން ނުކިޔޭނެ. ހޮޅުއަށިން އެ ކުރާވަރެއް ނުކުރެވޭނެ. އެއީ ހަގީގީ ޖަވާބުދާރީކުރުވުމަކީ. ލަދުން ފިތްކަނޑައިގެންދާ ވަރު ކުރުން. ގެއަށް ނުވަދެވޭ ވަރު ކުރުން. އަނބިދަރިން ވާހަކަނުދައްކާ ވަރު ކުރުން،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް