މޯލްޑިވިއަން އިން ދެނީ އުންމީދު، މައްސަލައަކީ ވާދަވެރިކަން

މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި--- ސަން ފޮޓޯ-- ފަރީހާ އަބްދުﷲ

ގައުމީ އެއާލައިން މޯލްޑިވިއަންގެ މާލީ ހާލަތު ދަށަށް ދާކަމަށް އެކި ފޯރަމްތަކުގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ކުންފުނީގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް ބުނެވެސް ސޯޝަލް މީޑިއާގައި ވަހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ވާހަކަތަކަށް އިތުރު ބާރެއް ލިބުނީ ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ބަޔާންކޮށް ޕްރައިވަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުންނެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާއެކު އާންމުކުރި އެ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް ވަނީ ފައިދާވެފަ އެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުނީގެ މާލީ ހާލަތު ވަރަށްބޮޑަށް ދަށްވެ، ކުންފުންޏަށް ވަނީ ގެއްލުމާ ކުރިމަތިވެފަ އެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓްކުރުމުގެ ޒިންމާ އަދާކުރާ ޕީސީބީއިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދިރާސާކުރުމަށް ފަހު ނެރެފައިވާ މި އަހަރުގެ ދެވަނަ ކުއާޓާ ރިވިއު ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަން ސާވިސެސްއަށް ވަނީ 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި އައިއޭއެސް އިން ވަނީ 68.05 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފަ އެވެ.

ރިޕޯޓްގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އައިއޭއެސްއަށް ދެވަނަ ކުއާޓަރުގައި ލިބިފައިވާ ގެއްލުމަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިދާއާ އަޅާބަލާ އިރު، 116 ޕަސެންޓް ދަށް އަދަދެކެވެ. އެއީ، 78.79 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

https://sun.mv/126638

މި އަހަރުގެ ދެވަނަ ކުއާޓާގައި އައިއޭސް އިން 319.98 މިލިއަން ރުފިޔާގެ ވިޔަފާރި ކުރި ނަމަވެސް، އާމްދަނީގެ ގޮތުގައި ލިބުނީ 457.94 މިލިއަން ރުފިޔާ އެވެ. އެއީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު، 541.52 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު، 83.58 މިލިއަން ރުފިޔާ މަދު އަދި 15 ޕަސެންޓްގެ ދަށްވުމެކެވެ. ނަތީޖާއަކަށްވީ ކުންފުންޏަށް 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވުމެވެ.

ކުންފުންޏަށް ކުރިމަތިވި މާލީ ގެއްލުމާ ގުޅޭ ގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެތެރޭގެ ދަތުރުގެ އަގު ހެޔޮކުރުމަށް ދޭ ޑިސްކައުންޓާ އެކު ކުންފުނީގެ ފައިދާ އިން 100 މިލިއަނެއްހައި ރުފިޔާ މަދުވާ ކަމަށެވެ.

"އޭގެ އިތުރު ކަމެއް ދެވަނަ ކުއާޓަރުގެ ތެރެއަށް އެބަ އިންވޯލްވޭ. ފުރަތަމަ ކަމަކީ ކޭޝް ޑިސްކައުންޓު. ސެކަންޑް ކުއާޓަގައި މި ލިބުނު ލޮސްއާ ގުޅިގެން ފާހަގަކޮށްލެވޭ ރޯދަމަސް މި ދޭތެރެއާ ދިމާވުން. އާންމުކޮށް ރޯދަ މަހަކީ ވަރަށް ޓްރެވަލް ލޯ [ދަށް] ދުވަސްވަރެއް މުޅި ރާއްޖޭގައި ވެސް. މިއީ ހަމައެކަނި މިއަހަރު ދިމާވިކަމެއް ނޫން،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަމަހަކީ ދިވެހިން ދަތުރު ކުރާ މިންވަރު މަދު ދުވަސްވަރެއް ކަމަށާއި އަބަދު ވެސް އެދުވަސްވަރު އައިލެންޑް އޭވިއޭޝަނަށް ގެއްލުންވާ ކަމަށެވެ.

"ތިންވަނަ ކަމަކީ އަޅުގަނޑުމެންގެ ޗައިނާ އޮޕަރޭޝަންތަކުން ލިބުނު ލޮސްއެއް. ޗައިނީޒް ޓޫރިޒަމް ތަންކޮޅެއް ދަށްވެގެން އައީ މި ޕީރިއަޑް ތެރޭގައި،" ރިޒްވީ ވިދާޅުވި އެވެ.

މީގެ އިތުރުން ރިޒްވީ ވިދާޅުވީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓު ކުންފުނީގެ އާ މެނޭޖުމެންޓުން ރިކޮންސައިލްކޮށް، އޭޕްރީލް މަހު އެ ރީކޮންސައިލް ރިޕޯޓު ޕީސީބީ އަށް ފޮނުވާފައިވާނެ ކަމަށެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓު އަޅާކިޔާފައި އޮތީ ކުރީގެ ހިސާބުތަކާ ކަމަށާއި އެކަން މިހާރު ޕީސީބީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"މީގައި ފާހަގަކޮށްލަން ބޭނުން މިދިޔަ އަހަރު ވެސް ދެވަނަ ކުއާޓަރަކީ ކުންފުންޏަށް ލޮސްއެއް. ފަސް މިލިއަން ރުފިޔާގެ ލޮސްއެއް މިދިޔަ އަހަރުވެސް ލިބުނު ދެވަނަ ކުއާޓަރުގައި،" ރިޒްވީ ވިދާޅުވި އެވެ.

އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ވާދަވެރިކަން އިތުރުވެ، މުވައްޒަފުންގެ މުސާރަ ބޮޑުކުރި!

އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ އިތުރު އެއާލައިނެއް މާކެޓަށް ނިކުތުމާ އެކު ވާދަވެރިކަން ބޮޑުވެގެން ދިޔަ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ. ޕީސީބީގެ ރިޕޯޓުގައި ވެސް އެކަން ފާހަގަކޮށްފައިވާ އިރު، މަންތާ އެއާއިން އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާން ފެށުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށާއި މި ވާދަވެރިކަމާ އެކު ކުންފުނީގައި ތިބި ޓެކްނިކަލް މުވައްޒަފުން ރިޓެއިންކުރުމަށް އެމީހުންގެ މުސާރަ ބޮޑުކުރުމަކީ ވެސް ހަރަދު އިތުރުވި ކަމެއްކަމަށް އައިއޭއެސްއިން ބުންޏެވެ.

"މާކެޓް ތެރެއަށް އިތުރު ކޮމްޕެޓިޓާސް ވަދެގެން އައިއިރު އަޅުގަނޑުމެން ވެސް ޓެކްނިކަލް ބޭފުޅުންނަށް މުސާރަ ބޮޑުކޮށްފައި ހުންނާނީ. ޕައިލެޓުންނާއި އިންޖިނިއަރުންގެ މުސާރައިން އެކަން ފެނިގެންދާނެ،" މެނޭޖިން ޑިރެކްޓަރު ރިޒްވީ ވިދާޅުވި އެވެ.

ޕީސީބީގެ ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކުގެ ބައިން 8.69 މިލިއަން ރުފިޔާ އިތުރުވެ، 100.29 މިލިއަން ރުފިޔާއަށް ވަނީ އެ ހަރަދުތައް ބޮޑުވެފަ އެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް އާ އިމާރާތަކަށް މުވައްޒަފުން ވާނީ ބަދަލުކޮށްފައި. އަޅުގަނޑުމެންގެ އާ ޓިކެޓް އޮފީހެއް ވެސް ވަނީ ގާއިމުކުރެވިފައި މާލޭގެ ވަރަށް ޕްރައިމް ލޮކޭޝަންއެއްގައި،" މީގެ ކުރިން އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފީސް ހިންގަމުން ދިޔައީ ބާ އިމާރާތެއްގައި ނަމަވެސް އެ މަސައްކަތް އެހެން އިމާރާތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވާ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވި އެވެ.

ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދަތުރުފަތުރު މަދުވެ ކުންފުންޏަށް ގެއްލުންވީ ނަމަވެސް ކުރިއަށް އޮތީ ދަތުރުކުރުމުގެ ޕީކް ސީޒަނެއް ކަމަށާއި މިއާ އެކު ކުންފުނީގެ އާމްދަނީ އިތުރުވާނެ ކަމަށް އައިއޭއެސް އިން ވަނީ ބުނެފަ އެވެ.

"ފޯ ސީ [ލަފާ]ނުކުރާ ކަމެއްވެސް ނޫން އެއީ ރޯދަމަހާ ދިމާކޮށް ދަތުރު ކުރާމިންވަރު މަދުވާނެކަން. އެވަރަށް ބޯޓު ދުއްވަންޖެހިފައި، ފަސިންޖަރުން މަދުވާނެކަން އެނގޭ ކުރިއާލާ. ކުރިއަށް އޮތީ ޓްރެވަލް ސީޒަން. އިތުރަށް ޕިކް ކުރެވޭ ތަން މި ފެންނަނީ،"

އައިއޭއެސްއިން ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމުނ ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ކުންފުނި ބަނގުރޫޓުވާކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮ ތުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ އެވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކައެއް ކަމަށެވެ. ކުންފުނީގެ ހަރަދުތައް ބޮޑުވެ، ކޮންޓްރޯލު ނުކުރެވޭ ވަރަށް ގޮސް އެއާލައިން ބަނގުރޫޓުވާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށާއި އެއީ "ވަކި ބޭނުމަކު ބަޔަކު ދައްކާ ވާހަކައެއް"ގެ ގޮތުގައި އެ ކުންފުނީގެ މެނޭޖުމެންޓުން ފާހަގަ ކުރިއެވެ.

comment ކޮމެންޓް