މޯލްޑިވިއަންއަށް ލިބެންޖެހޭ ބައި ބިލިއަން ރުފިޔާ އެބަހުރި!

މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ބައި ބިލިއަން ރުފިޔާ (500 މިލިއަން ރުފިޔާ) އެބައޮތް ކަމަށް އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ޝާހީން ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް އެކުންފުންޏަށް ލިބެންޖެހޭ ބައި ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.

"ކަސްޓަމަރުންނާ ނެގޮޝިއޭޓު ކުރަމުން މިދަނީ މި ފައިސާ ހޯދުމަށް. ކްރެޑިޓަށް ހިދުމަތް ދީފައި ހާފް އަ ބިލިއަން ލިބެން އެބައޮތް. އެ އެއްޗެހި ކަލެކްޓުކުރުމަށް އަޅުގަނޑުމެންގެ ވަކި ޓީމެއް އެބައޮތް،" ޝާހީން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުކޮށް ކްރެޑިޓަށް ހިދުމަތް ދިނުމަށްފަހު ފައިސާ ދެއްކުމަށް ދެނީ 30 ދުވަހުގެ މުހުލަތެއް ކަމަށާއި ނަމަވެސް ބައެއް ހާލަތްތަކުގައި އެ މުއްދަތު އިތުރުކުރާކަމަށް ޝާހީން ވިދާޅުވިއެވެ.

"500 މިލިއަނުގެ ތެރޭގައި ގިނަވާނީ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ،" ޝާހީން ވިދާޅުވިއެވެ.

ކުންފުނީގެ ދަރަނި އިތުރުވެފައިވާކަން ފާހަގަކުރައްވާ ޝާހީން ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއިން ދަރަނި އަދާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އައިއޭއެސްގެ ދަރަނި ވަނީ 73 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއާއެކު ކުންފުނީގެ ދަރަނި ވަނީ 647.75 މިލިއަން ރުފިޔާއަށް އަރައިފައެވެ.

މި ހާލަތާއެކު އައިއޭއެސްއަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، ކުންފުނީގެ ކުރު މުއްދަތުގެ ދަރަނިތައް ދެއްކުމުގެ ގާބިލުކަން ނެތިގެން ދިއުމެވެ.

https://sun.mv/126574

comment ކޮމެންޓް