ސަރުކާރު ކުންފުނިތައް ކޮރަޕްޓް، އެސްއޯއީ ކޮމިޓީއިން ބޮޑު ހުށަހެޅުމެއް!

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދައުލަތް ހިއްސާވާ ކުންފުނިތަކުން ކުރާ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން ސަރުކާރަށާއި ކުންފުނިތަކަށް ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.

އެސްއޯއީ ކޮމިޓީއިން އިސްލާހު ކުރަން ކަންތައްތަކެއް މި ހުށަހެޅީ ދައުލަތް ހިއްސާވާ ކުންފުނިތަކުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރި ހުދު ކަރުދާސް ދިރާސާ ކުރުމަށް ފަހު އެވެ.

އޭސީސީއިން ހުށަހެޅި ހުދު ކަރުދާސް އެސްއޯއީ ކޮމިޓީއިން ދިރާސާކުރަން 29 ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުންތަކުގައި ކޮމިޓީއަށް އިތުރަށް ފާހަގަ ކުރެވުނު ކަންތައްތައް ވެސް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ކޮމިޓީއިން ފާހަގަކޮށްފައިވާ ގޮތުން ސަރުކާރު ހިންގާ ކުންފުނިތަކުގެ އަދަދު އިތުރުވެގެން ދިޔަ ނަމަވެސް ކުންފުނިތަކުން ދައުލަތަށް ހޯދައިދޭ ފިސިކަލް ރެވެނިއު އަންނަނީ ދައްވަމުންނެވެ. އޭގެ އިތުރުން އޭސީސީއަށް ހުށަހަޅާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭގޮތުން ކަމަށް އެސްއޯއީ ކޮމިޓީއިން ފާހަގަކުރެ އެވެ.

"ކުންފުނީގެ މާލީ ގާބިލުކަމަށް ނުބަލައި އެކި ޕްރޮޖެކްޓްތައް ހިންގުމާއި. އަދި އެނޫންވެސް ގޮތްގޮތުން ހަރަދު ކުރުމުގެ ސަބަބުން ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ނުލިބުމާއި. ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށާއި ވާކިންގް ކެޕިޓަލްގެ ގޮތުގައި ކުންފުނިތަކުން ކުރަންޖެހޭ ހަރަދުތައްވެސް ދައުލަތުގެ ބަޖެޓުން ކުރާކަން،" އެސްއޯއީ ކޮމިޓީއަށް ފާހަގަވިކަން ކަމުގެ ތެރޭގައި ހިމެނެ އެވެ.

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ ބައަދަލުވުމެއްގެ ތެރެއިން ކޮމިޓީގެ މުގައްރިރު އިލިޔާސް ލަބީބު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުންފުނިތަކުގެ މާލީކަންކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ނުދާކަން އެސްއޯއީ ކޮމިޓީއިން ފާހަގަ ކުރެ އެވެ. އެއީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދަށް ދައުލަތުގެ ކުންފުނިތަކުން އަމަލުކުރުން ލާޒިމު ކަމަކަށް ނުވާތީ ކަމަށް ކޮމިޓީއިން ފާހަގަ ކުރި އެވެ.

އޭގެ އިތުރުން ސަރުކާރު ހިއްސާވާ އޮފީސްތަކުގެ ބޮޑެތި ޕްރޮޖެކްޓްތައް ބީލަމަކާ ނުލައި ސަރުކާރުގެ ކުންފުނިތަކަށް ހިންގަން ހަވާލު ކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނި ތަކަކީ އެ ޕްރޮޖެކްޓްތައް ހިންގުމަށް ސްބްކޮންޓްރެކްޓްކޮށް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ކުންފުނިތައް ނޫންކަން އެސްއޯއީ ކޮމިޓީއިން ފާހަގަކުރި އެވެ. އަދި އެކަމުގެ ސަބަބުން އެ ޕްރޮޖެކްޓަށް ހަރަދުވާ އަދަދަށްވުރެ އިތުރަށް ހަރަދުވުމާއި ނިންމަން ކަނޑައަޅާ ތާރީހު ދިގުލައިގެން ދާކަން އެސްއޯއީ ކޮމިޓީއިން ފާހަގަކުރި އެވެ.

"ސަރުކާރުގެ އިސްފަރާތްތަކުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ގަވައިދާ ހިލާފަށް ނަގުދު ފައިސާ ނަގައިގެން ވިޔަފާރިކުރަމުންދާ ކަމާއި، އިސްފަރާތުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެސްއޯއީއަކުން ފައިސާ ދީފައިވާކަން." އެސްއޯއީ ކޮމިޓީއިން ފާހަގަކޮށްފައިވޭ

ކުންފުނިތަކުގެ ޕްރޮކިއުމެންޓް އުސޫލާއި ރެކްރޫޓްމެންޓް އުސޫލު އަދި މާލީ ކަންތައްތަކާއި ގުޅޭ އުސޫލުތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަމަށް އެސްއޯއީ ކޮމިޓީއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ހާއްސަ ހާލަތެއް ގޮތުގައި ބަލާނެ ކަންތައްތައް ޕްރޮކިއުމެންޓް ޕޮލިސީގައި ތަފްސީލުކޮށްފައި ނުވުމުގެ ސަބަބުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ހާއްސަ ހާލަތަކަށް ނުވި ނަމަވެސް ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމުގެ ގޮތުން ހާއްސަ ހާލަތެއް މެދުވެރިވެފައިވާކަން ދައްކަން މަސައްކަތް ކޮށްފައި ހުންނަ ކަންވެސް އެސްއޯއީ ކޮމިޓީއިން ވަނީ ފާހަގަކޮށްފަ އެވެ.

ކުންފުނިތަކުގެ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ނަމަ އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރާ ކަމާއި އަދި މައްސަލައާއި ގުޅޭ ޑޮކިއުމެންޓްތައް ބަދަލުކުރުމަށް ކުންފުނިތަކުގެ ވެރިން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ކުންފުނިތަކަށް މީހުން ވަޒީފާއަށް ނެގުމުގައި އެއްވެސް ހިފެހެއްޓުމެއް ނޯންނަ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެހެންވަނީ ޑިޕާޓްމެންޓް ނުވަތަ ސެކްޝަންތަކުގެ ތިބެންޖެހޭ ވެރިންގެ އަދަދު ކަނޑައަޅާ ލިޔެފައި ނުހުންނާތީ ކަމަށް ކޮމިޓީއިން ބުންޏެވެ.

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އެސްއޯއީ ކޮމިޓީގެ ހުށަހެޅުން

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސަރުކާރު ކުންފުނިތަކުގެ އަމަލުތައް ހުންނާތީ އެކަންކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަމުގެ ގިނަ ހުށަހެޅުންތަކެއް އެސްއޯއީ ކޮމިޓީއިން ވަނީ ތައްޔާރުކޮށްފަ އެވެ. އެގޮތުން ކުންފުނިތަކުގެ ދުރުރާސްތާތައް ކަނޑައެޅޭނެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލަން އެސްއޯއީ ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ބީލަންތައް ޕްރޮސެސްކޮށް ކުރިއަށް ގެންދިއުމުގައި އެޑްވާންސް ފައިސާ ދޫކުރެވޭނެ މިންވަރު ހިމެނޭގޮތަށް ބެސްޓް ޕްރެކްޓިސްގެ އުސޫލުން ޕްރޮކިއުމެންޓް ޕޮލިސީއެއް ވީ އެންމެ އަވަހަކަށް އެކުލަވާލަން އެސްއޯއީ ކޮމިޓީއިން ވަނީ އަންގާފަ އެވެ.

ކޮމިޓީގެ މުހިންމު ހުށަހެޅުންތައް:

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތަށް ބަލައި ޕްރޮކިއުމެންޓް ކުރެޥޭނެ މިންގަނޑުތައް ކަނޑައެޅުމަށް ދެންނެވުން
  • ޕްރޮކިއުމެންޓް ޕޮލިސީ ކަނޑައަޅާއިރު ކުދި ވިޔަފާރިތަކަށް ބުރު ނާރާގޮތަށް ޕޮލިސީތައް ބައްޓަން ކުރުން
  • ކުންފުނިތަކުގެ ކުއާޓާލީ އަދި އަހަރީ ރިޕޯޓުގައި ކުންފުނިތަކުން ހަރަދު ކުޑަކުރަން ކޮށްފައިވާ ކަންކަމުގެ ތަފްސީލު ހިމެނުން
  • ކުންފުނިތަކުގެ ފައިސާއާއި ވިޔަފާރިއާ ބެހޭ ބޮޑެތި މުއާމަލާތްތައް ކުންފުނީގެ ހިންގާ ގަވައިދާ އަސާސީ ގަވައިދާ އެއްގޮތަށް ކުންފުނީގެ ބޯޑުން ނިންމައިގެން މެނުވީ ނުކުރުން
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވައިދުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިމަނާފައިވާ މާއްދާތައް އިސްލާހު ކުރުން

އޭގެ އިތުރުންވެސް ސަރުކާރު ކުންފުނިތަކުން ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ފެންނަ ކަމަށް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައި ހުރި ކަންކަން އިސްލާހު ކުރުމަށް ކަމާގުޅުން ހުރި ކުންފުނިތަކާއި ސަރުކާރަށް އަންގާނީ ރައްޔިތުންގެ މަޖިލީހުން އެ ރިޕޯޓު ފާސްކުރުމަށް ފަހު އެވެ.

comment ކޮމެންޓް