އުކުޅަހުގައި ދީނީ ރޫހު އާލާކޮށް ދިނުމަށް ނައިބު ރައިސް އެދިވަޑައިގެންފި

ނައިބު ރައީސް އއ. އުކުޅަހު ކައުންސިލް މެމްބަރުންނާ ބައްދަލު ކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

އއ. އުކުޅަހު ރައްޔިތުންނަކީ މިހާރަށް ވުރެ ބޮޑަށް ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާ ދީންވެރި ބަޔަކަށް ހެދުމަށް ރަށު ކައުންސިލުން އިސްނަގައިގެން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ނައިބު ރައީސް އެގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސް އޮފީހުގައި މިއަދު އެރަށު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އޭގެ އިތުރުން އުކުޅަހުގެ ޒުވާނުންނަކީ އަހްލާގީ ގޮތުން ރަނގަޅު ހެޔޮލަފާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށާއި މަސައްކަތުގެ މާހައުލަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލު މާހައުލުގެ ތެރެއިން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ނައިބު ރައީސް ވަނީ އަލިއަޅުވާލައްވައިފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އުކުޅަހު ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ނައިބު ރައީސް އާ ހިއްސާ ކޮށްފައެވެ.

އެގޮތުން ކައުންސިލުން ހިއްސާކުރި ކަންތައްތަކުގެ ތެރޭގައި ރަށު ސްކޫލުގައި ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެމުންދާއިރު، ދަރިވަރުންނަށް ބޭނުންވާ ބައެއް ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.

އުކުޅަހު ކައުންސިލަރުން ފާހަގަކުރެއްވި މަސައްލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން އަވަސް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވައިފައެވެ.

comment ކޮމެންޓް