އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރު ދެ ޔޫނިއަން ޓެރިޓަރީއަށް ހަދައިފި

އިންޑިއާ ސިފައިން ކަޝްމީރުގައި ފޯރިމަރަނީ --

ދިއްލީ (އޮކްޓޯބަރު 31): އިންޑިއާއިން ވެރިކަން ކުރާ ޖައްމޫ އެންޑް ކަޝްމީރަކީ އަމިއްލަ ސަރުކާރެއް އޮންނަ ސްޓޭޓެއްގެ ބަދަލުގައި އިންޑިއާގެ މައި ސަރުކާރުގެ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަށް ހަދައިފި އެވެ.

އިންޑިއާގެ ގާނޫނު އަސާސީއަށް މިދިޔަ އޮގަސްޓު މަހު ގެނައި ބަދަލުތަކާއެކު އެގައުމުން ވަނީ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާފަ އެވެ. އަދި މިހާރު އެސްޓޭޓު ވަނީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަޑާކް އަކީ ވަކި ޓެރިޓަރީއަކަށް ހަދައިފަ އެވެ.

އޭގެ ތެރެއިން ޖައްމޫ އެންޑް ކަޝްމީރުގައި އޮންނަ މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރު ވެލީގައި ގާތްގަނޑަކަށް އަށް މިލިއަން މީހުން ދިރިއުޅެ އެވެ. އަދި ހިންދޫންގެ އާބާދީ ބޮޑު ޖައްމޫގައި ގާތްގަނޑަކަށް ހަ މިލިއަން މީހުން ދިރިއުޅެ އެވެ.

މީގެ އިތުރުން ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ލަޑާކްގައި ގާތްގަނޑަކަށް 300،000 މީހުން ދިރިއުޅެ އެވެ. އެސަރަހައްދުގައި މުސްލިމުންނާއި ބުޑިސްޓުންގެ އަދަދު ގާތްގަނޑަކަށް އެއްވަރެވެ.

ޖައްމޫ އެންޑް ކަޝްމީރު ޔޫނިއަން ޓެރިޓަރީއަކަށް ބަދަލުވުމުން އެސަރަހައްދުގައި އަމިއްލަ ގާނޫނު އަސާސީއަކާއި ދިދައެއް ދެން ނޯންނާނެ އެވެ. އަދި އަމިއްލަ ގާނޫނު ހަދާ މަޖިލީހެއް އޮތް ނަމަވެސް ޓެރިޓަރީ ހިންގުމުގެ ގިނަ ބާރުތައް އޮންނާނީ ދިއްލީގެ މައި ސަރުކާރަށެވެ.

އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުގެ ކުރިން އެސަރަހައްދުގައި ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާ، ސިޔާސީ އިސް ފަރާތްތައް ގޭބަންދުގައި ބޭތިއްބި އެވެ. އަދި ކަޝްމީރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރު ސިފައިން އެސަރަހައްދަށް ފޮނުވި އެވެ. އެހެންނަމަވެސް އިންޑިއާގެ ނިންމުމާ ދެކޮޅަށް ކަޝްމީރުގައި ވަރުގަދަ މުޒާހަރާތައް ބާއްވާފައިވެ އެވެ.

މިމަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހަތަރު މަސް ތެރޭ ކަޝްމީރު އާއްމު ހާލަތަށް ރުޖޫއަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެސަރަހައްދުގައި މިހާރު ފޯނު ބޭނުން ކުރެވޭ ގޮތް ހެދި ނަމަވެސް އަދިވެސް އިންޓަނެޓުގެ ހިދުމަތް ދީފައި ނުވެ އެވެ.

comment ކޮމެންޓް