ތޫފާނުގެ ބާރު ގަދަވެއްޖެ، 24 ގަޑިއިރަށް ވިއްސާރަވާނެ

މީގެ ކުރިން މާލެއަށް ކުރި ވިއްސާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު ގަދަވަމުންދާ ކަމަށާއި ތޫފާނު ރާއްޖެއާއި ދުރަށް ދަތުރުކުރި ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓު އަބްދުﷲ ހާފިޒު މިރޭ ސަންއަށް ވިދާޅުވީ މި ސަރަހައްދުގައި އުފެދިފައިވާ ތޫފާންގެ ބާރު އިތުރަށް ގަދަވަމުންދާ ކަމަށެވެ.

މިއާއެކު ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ހާފިޒް ވިދާޅުވިއެވެ.

މެޓުން ބުނީ ވައި ބާރުވެ، ކަނޑުތައްވެސް ގަދަވާނެތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފުޔަވާ އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ލަފާކުރެވޭގޮތުގައި 50 މޭލަށް ވައިގަދަވާނެ. ވިލާގަނޑުގައި ވައިގަދަވާއިރު ކަނޑުތައްވެސް ގަދަވާނެ،" މެޓުން ބުންޏެވެ.

ވިއްސާރަވާނެތީ ހއ. އިން ފެށިގެން ލ. އަތޮޅާއި ހަމައަށް މެޓުން ވަނީ ޔެލޯ އެލާޓުވެސް ނެރެފައެވެ.

"އުދަ އެރުމުގެ ޕޮސިބިލިޓީވެސް އެބައޮތް. ވައި ބާރުވެ ކަނޑު ގަދަވާއިރު އުތުރާއި މެދު ރާއްޖެތެރެއަށް އުދައަރާފާނެ،" މެޓުން ބުންޏެވެ.

މެޓު އޮފީހުން ބުނީ މި ސަރަހައްދުގައި އުފެދިފައިވާ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. މާދަމާވެސް ވިއްސާރަވާނެ ކަމަށާއި ނަމަވެސް ހުކުރުދުވަހު ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

comment ކޮމެންޓް