އެއާ އިޓަލީއިން ރާއްޖެއަށް ކުރި ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
އެއާ އިޓަލީގެ ދަތުރުތައް އަލުން ފެށުން ފާހަގަކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އަލުން ދަތުރުތައް ފެށުމާއެކު ހަފްތާއަކު ތިން ފްލައިޓު މާލެއާއި އިޓަލީގެ މިލާންއާއި ދެމެދު ބާއްވާނެއެވެ.
މިއަދު ރާއްޖެ އައި އެއާ އިޓަލީގެ ފްލައިޓުން 195 ފަތުރުވެރިން އައިސްފައިވެއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާނީ އޭ330 ފްލައިޓެއްގައެވެ.
އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އެއާ އިޓަލީގެ ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމަކީ އެ އެއާޕޯޓަށްވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަންވެސް އިތުރަށް ކުރިއަރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ އިޓަލީއާއެކު އިޓަލީއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު ތިނަކަށް އެރީއެވެ. އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެއްވެސްމެއެވެ.