އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ޖޭއެސްސީން ބަލަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާން ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ: އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުން -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ 19 މައްސަލެއް ތާވަލު ކުރި ކަމަށާއި އޭގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ، ދެ މައްސަލަ އެއް ކަމަށެވެ.

އެއީ ހައި ކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ މައްސަލަ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެމްޕޭން ކޮށްދިންކަމަށް ތުހުމަތުކޮށް ވެސް އެ ދެ ބޭފުޅުންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާކަން "ސަން"އަށް ވަނީ އެނގިފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ޝަހީދަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުކަމާއި ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާގެ މައްސަލަ ބެލުމަށްވެސް ނިންމާފައެވެ.

comment ކޮމެންޓް