"ރަށުފެންވަރުގެ ސިއްހީ ހިދުމަތް ކުރިއަރުވަން މި ސަރުކާރުން މަސައްކަތްކުރާނެ"

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ރަށުފެންވަރުގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް މީގެ ކުރިން ނުކުރާވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރުމުގައްޔާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު މަސައްކަތްކުރުމަކީ އެ ހިދުމަތުގެ މުހިންމު އަސާސެއް ކަމަށެވެ.

މީގެ އިތުރުން ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ކޮންމެ މީހެއްގެ ފަރުދީ ހިއްސާއަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި އެކަން ދެނެގެން ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.

ގައުމުގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ގައުމުގެ މުސްތަގުބަލު އުޖާލާކޮށް ފުދުންތެރިކަން އިތުރުކޮށް ތަރައްގީއަށް ވާސިލުވުމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭ،"

ނައިބު ރައީސް ވިދާޅުވީ ކޮންމެ މީހަކީވެސް ދިރިއުޅުމަށްޓައި މަސައްކަތެއްކޮށްގެން އާމްދަނީއެއް ހޯދާމީހަކަށްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގައި ދިވެހި ޑޮކްޓަރުން މަދުކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މިއީ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުވާ ކަމެއް ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހން ޑޮކްޓަރުކަން ކިޔަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ދިވެހި ޑޮކްޓަރުން ކިޔަވައިގެން އައިސް ރާއްޖޭގައި ހިދުމަތްކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވައިފައެވެ. ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތެރެއިން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމްގައި 22 ދަރިވަރަކު ބައިވެރިވެއެވެ.

comment ކޮމެންޓް