އިނގިރޭސިވިލާތުގައި 4 އަހަރުތެރޭ ބާއްވާ ތިންވަނަ އާންމު އިންތިހާބު ޑިސެމްބަރު މަހު

އިނގިރޭސިވިލާތުގެ ޕާލިމެންޓުން ވަނީ އާއްމު އިންތިހާބު ޑިސެމްބަރު މަހު ބާއްވަން ފާސްކޮށްފަ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޯބަރު 30): އިނގިރޭސިވިލާތުގައި 2022 ވަނަ އަހަރު ބާއްވަން އޮތް އާންމު އިންތިހާބު އަވަސްކޮށް، އަންނަ ޑިސެމްބަރު މަހު އެ އިންތިހާބު ބާއްވަން އެގައުމުގެ ޕާލިމެންޓުން ފާސްކޮށްފިއެވެ.

އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމާ ގުޅުން ހުރި މައްސަލަތަކުގައި ޕާލިމެންޓުގައި ހިޔާލު ތަފާތުވުންތައް ގިނަ ވެފައިވާ ދަނޑިވަޅެއްގައި އާންމު އިންތިހާބު އަވަސްކުރަން ފާސްކުރީ 438 މެމްބަރުންގެ ތާއިދާއެކުގައެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ އެންމެ 20 މެމްބަރުންނެވެ.

މިހާރު ޕާލިމެންޓުގެ ތިރީގެއިން ފާސްކުރި އެބިލާ ބެހޭ ގޮތުން ދެން ބަހުސް ކުރާނީ ޕާލިމެންޓުގެ މަތީގެ، ހައުސް އޮފް ލޯޑްސްއިންނެވެ. އަދި މަތީގޭގެ ގިނަ މެމްބަރުންވެސް އެބިލަށް ތާއިދުކުރައްވާނެކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.

އެއިންތިހާބު ބޭއްވުމަށް ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިންވެސް ތާއިދު ކުރެއްވިއެވެ.

އެގޮތުން ބޮޑުވަޒީރު ޖޯންސަން ވަނީ "ވަރުގަދަ" އިންތިހާބަކަށް ތައްޔާރުކަމަށް ވިދާޅުވެފައެވެ. އަދި ކޯބިން ވަނީ އެ އިންތިހާބަކީ ގައުމަށް "އަސްލު ބަދަލުތަކެއް" ގެންނަން ލިބޭ ފުރުސަތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އިނގިރޭސި އާންމު އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައި އޮތީ ޑިސެމްބަރު 12 ގައެވެ. އެއީ 1923 ގެ ފަހުން އެގައުމުގައި ފިނި މޫސުމުގައި އާންމު އިންތިހާބެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި އެއީ ފާއިތުވި ހަތަރު އަހަރުތެރޭ އެ ގައުމުގައި ބާއްވާ ތިން ވަނަ އާންމު އިންތިހާބެވެ. މީގެ ކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު އެގައުމުގައި އާންމު އިންތިހާބު ބާއްވާފައިވެ އެވެ.

އިނގިރޭސި ޕާލިމެންޓުން އާންމު އިންތިހާބު އަވަސްކުރީ އެގައުމު އީޔޫއިން ވަކިވާ ތާރީހު ފަސްކުރަން އެ އިއްތިހާދުން އެއްބަސްވި ފަހުންނެވެ. އެންމެ ފުރަތަމަ އިނގިރޭސިން އީޔޫއިން ވަކިވާން އޮތީ މިއަހަރުގެ މާޗް 29ގަ އެވެ. އޭގެ ފަހުން މިމަހުގެ 31އަށް ފަސްކުރުމަށް ފަހު މިހާރު އެ ތާރީހު ވަނީ ޖެނުއަރީ 31އަށް ފަސްކޮށްފައެވެ.

އެ ދެ ފަހަރުވެސް ބްރެކްސިޓް ފަސްކުރީ، އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ދެ ފަރާތުގެ މެދުގައި ހަދާ އެއްބަސްވުމަށް ޕާލިމެންޓުން ރުހުން ނުދިނުމުންނެވެ.

މިހާރު އިނގިރޭސި ޕާލަމެންޓުގެ މެމްބަރުން ވަނީ ބްރެކްސިޓާ ބެހޭ ގޮތުން މައިގަނޑު ތިން ހިޔާލަކަށް ބެހިފައެވެ. އެއީ އެއްބަސްވުމެއް ފާސް ނުކުރެވުނަސް ވީހާވެސް އަވަހަކަށް އީޔޫއިން ވަކިވުން ނުވަތަ އީޔޫއިން ވަކިވުމާ ބެހޭގޮތުން އާ ފެންނަ ނުފެންނަ ވޯޓެއް ނެގުން ނުވަތަ އިނގިރޭސިން އީޔޫއިން ވަކިނުވުމަށެވެ.

އަދި ސަރުކާރުން އުއްމީދު ކުރަނީ އާ ޕާލަމެންޓުގައި ކޮންމެވެސް އެއް ހިޔާލަކަށް ތާއިދު ކުރާ މެމްބަރުންނަށް އަގުލަބިއްޔަތު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް