ބަސް ދަތުރުކުރާ ފަރާތްތަކުންގެ ޓަޗްލިންކް ކާޑު، އެމްޓީސީސީގެ ޓާމިނަލްތަކުން ރީޗާޖު ކުރެވޭނެ ހިދުމަތް ތައާރަފުކުރަން އެއްބަސްވެއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހެޑް އޮފީހުގައި މިއަދު ބޭއްވި އެއްބަސްވުމެއްގައި އެމްޕީއެލް އާއި އެމްޓީސީއާ ދެމެދު ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގަައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
މިއަދު ސޮއިކުުރި އެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު މަހުޖޫބު ވިދާޅުވީ މިއަންނަ މަހުން ފެށިގެން އެމްޓީސީސީގެ ޓާމިނަލްތަކުންވެސް ޓަޗް ލިންކް ކާޑް ރީޗާޖު ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގައި ހުންނަ އެމްޓީސީސީގެ ވިލިމާލެ އާއި ހުޅުމާލޭ ޓާމިނަލްގެ އިތުރުން ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ޓާމިނަލް އިން ކާޑު ޗާޖު ކުރެވޭނެ ކަމަށެވެ. އެއާއެކު އަންނަ މަހުން ފެށިގެން ޖުމްލަ ފަސް ތަނަކުން ކާޑުތައް ރީޗާޖު ކުރެވޭނެ އެވެ. އެއީ އެމްޓީސީސީގެ ތިން ޓާމިނަލް އާއި އެމްޕީއެލްގެ ދެ ބަސް ޓާމިނަލް އެވެ.
ކުރިއަށް އޮތް ތަނުގައި ކާޑުގެ ހިދުމަތް ފުޅާުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ މިހާރުވެސް ފޯރުކޮށްދޭ ކާޑުގެ ހިދުމަތަކީ ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދޭ ހިދުމަތާ އެއް ފެންވަރުގެ ހިދުމަތެއް ކަމަށެވެ.
އަންނަ މަހުގައި ކާޑުގެ ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާއިރު އަންނަ މަހުގައި އެކްސްޕްރެސް ބަސްވެސް ތައާރަފުކުރާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ. އެމްޕީއެލް އިން ބުނީ އެކްސްޕްރެސް ބަސް ދާނީ އެންމެ މަންޒިލަކަށް ކަމަށެވެ. އަދި އެ ބަހުގެ ހިދުމަތް ކޮންމެ އެއް ގަޑިއިރަކުން ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.