ސުޕްރީމް ކޯޓަކީ ޕީޖީ އޮފީހުގެ ސެކްޝަނެއް ނޫން، މައްސަލަ ޕާކެއް ނުކުރެވޭނެ: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަދި ޕީޖީ ބިޝާމް: ސުޕްރީމް ކޯޓުގައި މައްސަލަތައް ޕާކް ކޮށްފައި ނުބެހެއްޓޭނެ ކަމަށް އުއްތަމަ ފަނޑިޔާރު މިއަދު ވަނީ ވިދާޅުވެފައި --- ފޮޓޯ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަކީ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ސެކްޝަނެއް ނޫން ކަމަށާއި މައްސަލަތައް ބޭނުންވާ އިރަކު ބެލުމަށް 'ޕާކް' ކޮށްފައި ނުބެހެއްޓޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވެފައިވަނީ، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަބްދުލްޤަފޫރުގެ މައްޗަށް ދައުވާ ކުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދު ބޭއްވި އެ އަޑުއެހުމަކީ މައްސަލައިގައި ދައުލަތުން ކުރިއަށް ދާން ބޭނުންވާ ގޮތް ހާމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލް ވިދާޅުވީ، އަދީބުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިއުތިރާފްވެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައި ކަމަށާއި އެހެން ކަމުން ޕީޖީން ބޭނުންވަނީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކަމަށެވެ.

ކުށައް އިއުތުރާފުވެ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިގަމުންދާއިރު، އެއްވެސް ހިސާބެއްގައި ކުށަށް އިންކާރު ކޮށްފި ހާލަތެއްގައި ސުޕްރީމް ކޯޓުގައި އޮތް އަދީބުގެ އިސްތިއުނާފް މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަން ޕީޖީގެ ވަކީލް ވަނީ ފާހަގަކޮށްފަ އެވެ.

ޕީޖީގެ ވަކީލްގެ ވާހަކަތައް ނިމުމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ސުޕްރީމް ކޯޓަކީ ޕީޖީގެ ސެކްޝަނެއް ނޫން ކަމަށާއި މައްސަލަ ޕާކް ކޮށްފައި ބޭއްވުމަށް އެދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި މައްސަލައެއްގައި ވަކިބައެއް ބާއްވާފައި އަނެއްބައި ކުރިއަށް ގެންދިއުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަން ފާހަގަކޮށް އުއްތަމަ ފަނޑިޔާރު ވަނީ ޕީޖީއަށް ދެ ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެއީ އަދީބުގެ އިސްތުއުނާފް މައްސަލަ ކުރިއަށް ގެންދިއުމާއި މެދު ދައުލަތުން ބޭނުންވާ ގޮތެއް ހުށަހެޅުމަށެވެ. އެއަށް ފަހު އުއްތަމަ ފަނޑިޔާރު ވަނީ މިއަދުގެ އަޑުއެހުން ނިންމާލައްވާފަ އެވެ.

އެ މައްސަލައަކީ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެކެވެ.

އެ މައްސަލަ އަދީބުގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަމުރުކުރީ، އެ މައްސަލަ އަލުން ބެލުމަށެވެ. އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލާނެ ތަނެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްފަ އެވެ. އެއާ އެކު، ދައުލަތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ.

comment ކޮމެންޓް