ޓެކްސް ނަގާ ބޭނުން ބުނެދޭން ޖެހޭ ނޫނީ އެއީ ރައްޔިތުންގެ ފައިސާ ފޭރުން: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު---

އިތުރަށް ޓެކްސް ނަގާ ނަމަ އެ ނަގާ ބޭނުން ބުނެދޭން ޖެހޭނެ ކަމަށާއި އެހެން ނޫނީ އެއީ ރައްޔިތުންގެ ފައިސާ ފޭރުން ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިންކަމް ޓެކްސް ނެގުމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް އަލިއަޅުވާލައްވައި ސިޔާމް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެހެން ދިމާވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާތީ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ކޮންމެ ސަރުކާރުން ވެސް ރައްޔިތުންގެ ބޮލުގައި ތެތްފޮށާ އަޅުވައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނެ ޓެކްސް ޕޭޔަރުންގެ "ފައިސާ ކަމުން" ދިއުމަކީ ރައްޔިތުން ވަރަށް ރުޅިގަދަވާ ކަމެއް ކަމަށެވެ.

ސިޔާމް ވިދާޅުވީ ވިޔަފާރިވެރިން ގަދައަޅައި މަސައްކަތްކޮށް ޓެކްސް ދައްކަނީ ރައްޔިތުންގެ އާމްދަނީއާއި އާންމު ދިރިއުޅުން ތައްރަގީކުރަން އެބޭފުޅުންގެ ތައުލީމާ ސިއްހަތަށް ކަންތައްތައް ރަނގަޅުކުރަން ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މީހަކު ވެރިކަމަށް އައިސް މުޅި ގައުމު އަމިއްލަ މުދަލަށް ހަދައި ބޭނުން މީހަކަށް ބޭނުން ގޮތަކަށް ބަދަލުދެމުން ދާކަން އޭނާ ފަހަގަކުރެއްވި އެވެ.

އެހެން ނަމަވެސް ބަދަލުދިނުމުގެ ކުރިން އެހާބޮޑެތި ގެއްލުންތައް ލިބެނީ ކީއްވެތޯ ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކަށް އަދަބުދޭން ޖެހޭކަމަށް ސިޔާމް ވިދާޅުވި އެވެ.

ރާއްޖެއަކީ އެންމެ ގިނައިން ޓެކްސް ނަގާ ގައުމު ކަމަށާއ އެހެން ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ ހައްގުވެރި ފަރާތްތަކަށް ހައްގުތައް ލިބުމުގެ ބަދަލުގައި އެ ފައިސާއަށް ބޮޑެތި މީހުން ހިޔާނާތްވާތަން ކަމަށް ސިޔާމް ވިދާޅުވި އެވެ.

"މި ޓެކްސް ނަގާކަށް އަޅުގަނޑުމެން މިވަގުތު ބޭނުމެއް ނުވޭ. ޓެކްސް މިހާރު ވެސް ރައްޔިތުންގެ އަތުން ނަގަނީ ވަރަށް ބައިވަރު ފައިސާ. މިއުޅެނީ ކީއްކުރަންތޯ. ބުނެބަލަ ކުރަން މިއުޅޭ ކަމެއް. ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ޓެކްސް ނަގާ ނަމަ އެ ޓެކްސް އިން ކުރަނީ ކޮން ކަމެއް ކަން ރައްޔިތުންނަށް ބުނެދޭން ޖެހޭ. ރައްޔިތުންނަށް ބުނެދޭން ޖެހޭ. މިއިން ވެސް އެއްވެސް ކަމަކަށް ބެލުމެއް ނެތި ހިތަށް އަރާވަރަކަށް ރައްޔިތުންގެ މުދަލުން ޓެކްސް ނެގުމަކީ އެއީ ފޭރިގަތުމެއް،" ސިޔާމް ވިދާޅުވި އެވެ.

އެކި އެކި ޓެކްސްގެ ނަމުގައި ނިކަމެތި ރައްޔިތުންގެ ވިޔަފާރިތައް ބަނގުރޫޓް ކުރުމަށް ބޭނުން ނުވާ ކަމަށާއި އެ ޓެކްސް ނެގުމަށް ދާއިރާގެ ރައްޔިތުން ވެސް ގަބޫލެއް ނޫން ކަން ސިޔާމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ޓެކްސްގެ ބަދަލުގައި މުދަލު ޒަކާތް ނެގުން ވެސް މާ ރަނގަޅު ކަމެވެ.

"އަޅުގަނޑުމެން ވިސްނާލަން ޖެހެނީ އިންކަމް ޓެކްސްއެއް ނަގާއިރުގައި ގައުމެއް އޮތް ހާލަތު. މިއަދު މި ގައުމުގެ ކުރިއެރުން މިއޮތީ 3.8 ޕަސެންޓްގައި. މިއީ ދުނިޔާގެ ނިސްބަތުން ބަލާ ނަމަ ވަރަށް ނާމާން މަންޒަރެއް މި ފެންނަނީ. އެއްވެސް ކަހަލަ އުސޫލުތަކެއް ނެތި އެއްވެސް ކަހަލަ ލިމިޓެއް ނެތި،" ސިޔާމް ވިދާޅުވި އެވެ.

އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތި ބޭނުން ވަރަކަށް ރިސޯޓްތަކާއި ބެޑްތައް އިތުރުކޮށް މީހުން ދިރިއުޅޭ ގެތަކުގައި ގެސްޓުން ގެންގުޅުމަކީ އިގްތިސޯދު ފަނޑުފުނޑު ކޮށްލުން ކަން ސިޔާމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. ކޮންމެ މީަކު ވެސް ބޭނުން ވަނީ އަރާމާއި އުފަލުގައި ދިރިއުޅެން ކަމަށާއި ދަރާ ވިކިފައި އޮތް ދައުލަތެއް އަދި އަނދިރި ދައުލަތެއްގެ ތެރޭގައި ދިއިރުޅެން ބޭނުން ނުވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް ވިދާޅުވާންވީ ނޫންތޯ މި ނަގާ ޓެކްސް ދަނީ ކޮންތާކަށް ތޯ." ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް