ޖޭއެސްސީއޭ ކިޔާ އޮތީ އެމްޑީޕީގެ ގޮތްޕެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޭ ކިޔާ މިހާރު ރާއްޖޭގައި އޮންނަނީ އެމްޑީޕީގެ ގޮތްޕެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ޖޭއެސްސީއަކީ ސުޕްރީމް ކޯޓަށްވުރެ މަތީ ކޯޓެއް ކަމަށެވެ. އަދި މިގައުމުގައި މިހާރު އެއްވެސް އިންސާފެއް ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިކޯޓުގައި މިތިބީ ރައީސް ނަޝީދާއި. އިބްރާހިމް މުހައްމަދު ސޯލިހާއި. އޭނައަށްވީ މީހަކާއި އޭނަގެ އާއިލާ މީހަކާއި އޭނާގެ ލޯޔަރުންނާއި ދެން ތިބި މީހުންނާއެއް ނޫންތޯ މިތިބީ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އިންސާފު ގާއިމްކޮށްދިނުމަށް ވައުދުވެގެން ކަމަށެވެ. އެހެންނަމަވެސް އިންސާފުވެރިކަން މިގައުމުން ފެންނަމުން ނުދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީއިން އުޅެނީ ރާއްޖެ ދުނިޔެކުރިމަތީ ލަދުގަންނަވަން ކަމަށެވެ.

"މިގައުމުގައި މިއޮތީ ނެޕޮޓިޒަމް. މިގައުމުގައި މިއޮތީ އާއިލީ ވެރިކަމެއް. މިގައުމަކު އިންސާފެއް ނެތް. މިހާރު އެމްޑީޕީއިން މިކުރާ ކަންތައް ކޮށްފައި ދެން ދިވެހިރައްޔިތުން ކައިރިއަށް އިންސާފުގެ ވާހަކަދައްކަން އަންނާނެ ކަމެއް ނެތް." ޝިޔާމް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފާޑުވިދާޅުވެފަ އެވެ. ސައީދު ވިދާޅުވީ މިހާރު ޖޭއެސްސީގައި މަދީ އާމާލް ކުލޫނީ އެކަނި ކަމަށެވެ. ޖުޑިޝަރީ މިނިވަންކޮށް އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީއިން ދަނީ ޖުޑިޝަރީގެ މިނިވަންކަން ނަގާލަމުން ކަމަށް ސައީދު ވިދާޅުވި އެވެ.

"ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި އުއްތަމަ ފަނޑިޔާރު އަދި ދެން ވެސް ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ބޭފުޅުން ވަރަށް މަކަރުވެރި ގޮތެއްގައި ވަކިކުރުމަށް ޓަކައި އެމްޑީޕީއިން އެޖެންޑާ 19އިގެ ތެރެއިން މިމަސައްކަތް ކުރެވެމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ." މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖެ އަޅުވެތިކޮށް ޖުޑިޝަރީ ފުނޑާލައިފި ކަމަށެވެ. ރާއްޖޭގެ ތާރީހުގައި ޖޭއެސްސީ އަޅުވެތިކުރާނެ އެންމެ ބޮޑަކަށް މިހާރު ޖޭއެސްސީ އަޅުވެތިކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް