ނޫމަޑި މައްސަލައިގައި މުއިއްޒު ދިން ބަޔާންތައް ދިރާސާ ކުރާ ކޮމިޓީ ސިއްރު

މުއިއްޒު ބަޔާންތައް ދިރާސާ ކުރާ ކޮމިޓީ ސިއްރުކޮށްފައި --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގެ އާބިޓްރޭޝަނުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވި ބަޔާންތައް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ނޫމަޑިން އެ މައްސަލައިގައި ބަދަލުހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ.

ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދީފައެވެ.

މިއަދު ހެނދުނު 11:00 ތާވަލު ކުރި، މާލިއްޔަތު ކޮމިޓީގައި ބައްދަލުވުމުގައި އޮތީ، ނޫމަޑި މައްސަލައިގައި މުއިއްޒު ދިން ބަޔާންތަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރެއްވުމެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ނޫމަޑީގެ އާބިޓްރޭޝަނުގައި މުއިއްޒު ދީފައިވާ ބަޔާންތައް ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ.

އެ ބަޔާންތަކާ ގުޅޭގޮތުން މިއަދު ދިރާސާ ކުރުމަށްފަހު، އަންނަ ހަފްތާ ހޯމަ ދުވަހު މުއިއްޒު ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށް ނާޝިޒު އޭރު ވިދާޅުވި އެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވިދާޅުވީ، ނޫމަޑި މައްސަލައިގައި ކުރީގެ ސަރުކާރުގެ ވަޒީރުން އެ ކުންފުންނާ އެކޮޅަށް އަދި ދައުލަތާ ދެކޮޅަށް ހެކިބަސް ދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ވަޒީރެއް ކަމެއް އަމީރު ވިދާޅެއް ނުވެއެވެ.

އަމީރު ވިދާޅުވީ، އެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް އެކުފުންޏަށް ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ނިންމީ ދައުލަތް ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް ކަމަށެވެ. އެހެން ނޫން ނަމަ، ދޭން ޖެހޭ ބަދަލު 200 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން، ދައުލަތުން ބަދަލު ދޭ އިރު، އެކަން މެދުވެރިކުރި ބަޔަކާ ދޭތެރޭ ވިސްނާލަންވެސް ޖެހޭކަމަށް ވިދާޅުވިއެވެ

"އާބިޓްރޭޝަން ސެންޓަރުތަކަށް ގޮސްވެސް ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ ތިމަންނާމެން އެކަން ކުރީ ގާނޫނާ ހިލާފަށޭ. ނޫމަޑި މައްސަލައިގައި ވެސް ސިންގަޕޫރު އާބިޓްރޭޝަންގައި ވެސް ކޮންމެވެސް ބޭފުޅަކު އެހެން ވިދާޅުވި ކަމަށް ވަނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މައްސަލައިގައި މުއިއްޒުއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން މިހާތަނަށް އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލުކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެއީ ދައުލަތުގެ ބަޖެޓްގެ 23 ޕަސަންޓެވެ. ދައުލަތުގެ ބަޖެޓްގެ އަދަދަކީ 30 ބިލިއަން ރުފިޔާއެވެ.

މިހާތަނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައި ވެއެވެ

https://sun.mv/121291

comment ކޮމެންޓް