ފައިދާވަމުން އައި ގައުމީ އެއާލައިން އަޑިއަޅާލައިފި

ވެލާނާ އިންޓަނޭޝަނަލ އެއާޕޯޓްގައި މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަނަށް (އައިއޭއެސް)އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ބޮޑު ގެއްލުމަކާ ކުރިމަތިވެ އެ ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނެފި އެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އަދާކުރާ ޕީސީބީ އިން، އެސްއޯއީތަކުގެ މާލީ ހާލަތު ދިރާސާކުރުމަށް ފަހު ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓާ ރިވިއު ރިޕޯޓްގައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސްއަށް ވަނީ 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި އައިއޭއެސް އިން ވަނީ 68.05 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފަ އެވެ.

ރިޕޯޓްގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އައިއޭއެސްއަށް ދެވަނަ ކުއާޓަރުގައި ލިބިފައިވާ ގެއްލުމަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިދާއާ އަޅާބަލާ އިރު، 116 ޕަސެންޓް ދަށް އަދަދެކެވެ. އެއީ، 78.79 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އައިއޭސްއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑު ގެއްލުމެއް ކުރިމަތިވެފައިވީ ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ވަނީ، ވިޔަފާރި ކުރުމަށް 300.62 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާމްދަނީގެ ގޮތުގައި، 541.52 މިލިއަން ރުފިޔާ ހޯދައިފަ އެވެ. އަދި ފައިދާއަށް 104.98 މިލިއަން ރުފިޔާ ލިބުނެވެ.

އައިއޭއެސްގެ ފައިދާއަށް އައިސްފައިވާ ބަދަލު.

އެހެން ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓާގައި އައިއޭސްއިން 319.98 މިލިއަން ރުފިޔާގެ ވިޔަފާރި ކުރި ނަމަވެސް، އާމްދަނީގެ ގޮތުގައި ލިބުނީ 457.94 މިލިއަން ރުފިޔާ އެވެ. އެއީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު، 541.52 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު، 83.58 މިލިއަން ރުފިޔާ މަދު އަދި 15 ޕަސެންޓްގެ ދަށްވުމެކެވެ. ނަތީޖާއަކަށްވީ ކުންފުންޏަށް 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވުމެވެ.

ބޮޑު ގެއްލުމަކާ ކުރިމަތިވީ ކީއްވެ؟

ޕީސީބީގެ ރިޕޯޓްގައިވާ ގޮތުގައި، އައިއޭއެސްއަށް ގެއްލުންވާން ދިމާވި މައިގަނޑު ސަބަބަކީ ކުންފުނީގެ އާމްދަނީ ދަަށަށް ދިޔަ ނަމަވެސް ހަރަދުތައް މައްޗަށް ދިޔުމެވެ.

އެގޮތުން އާމްދަނީ އިން 83.58 މިލިއަން ރުފިޔާ މަދުވި ނަމަވެސް، ހަރަދުތައް ވަނީ 142.03 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ހަރަދުތައް މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކުގެ ބައިން އެވެ. އެބައިގެ ހަރަދުތަކަށް 8.69 މިލިއަން ރުފިޔާ އިތުރުވެ، 100.29 މިލިއަން ރުފިޔާއަށް ވަނީ އެ ހަރަދުތައް ބޮޑުވެފަ އެވެ.

މީގެ އިތުރުން ކަރަންޓާއި އެހެން ވެސް އޮފީހުގެ ކަންކަމަށް ތަކެތި ހޯދުމުގެ ހަރަދު ވަނީ، 27 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސްއިން ކަރަންޓާއި ތަކެތި ގަންނަން ކުރި ހަރަދު ވަނީ، 4.68 މިލިއަނަށް އަރައިފަ އެވެ. އަދި ޑައިރެކްޓަރުންނާއި އޮޑިޓަރުންނަށް ދޭ އެލަވަންސްގެ ހަރަދުވެސް 48 ޕަސެންޓް އިތުރުވީއިރު، ދަތުރު ހަރަދުވެސް ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ.

އައިއޭއެސްގެ ހަރަދުތައް.

ބައެއް ހަރަދުތައް އިތުރުވި ނަމަވެސް ބައެއް ހަރަދުތައް އައިއޭއެސްއިން ވަނީ ދަށްވެސް ކޮށްފަ އެވެ. އެގޮތުން އޮފީސް ކުއްޔާއި ފޯން ބިލް އަދި މަރާމާތަށް އަދި އިންޝުއަރެންސަށް ހިނގާ ހަރަދު ވެސް ވަނީ ދަށްވެފަ އެވެ.

އައިއޭސްގެ އާމްދަނީ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ، ޑޮމެސްޓިކް ދަތުރުތަކުގެ ބައިން ލިބުނު އާމްދަނީ ދަށަށް ދިޔުމުން އެވެ. އެގޮތުން އެބައިން 25 ޕަސެންޓް ދަށްވެ، އާމްދަނީ ވަނީ 233.78 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ޑޮމެސްޓިކް ދަތުރުތަކުން ލިބޭ އާމްދަނީ ދަށަށް ދާން ދިމާވީ، މަންތާ އެއާގެ ދަތުރުތައް ފެށުމާ އެކު ވާދަވެރިކަން އިތުރުވުމުގެ ސަބަބުން އެވެ. އަދި ސީޕްލޭންގެ ދަތުރުތަކުން ލިބުނު އާމްދަނީ ވެސް ވަނީ 17 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އައިއޭސްގެ އާމްދަނީ އިތުރުވި ހަމައެކަނި ވިޔަފާރިއަކީ ސަރަހައްދީ ގައުމުތަކަށް ކުރާ ދަތުރުތަކުން އެވެ. އެގޮތުން އެ ދަތުރުތަކުން ލިބޭ އާމްދަނީއަށް 11.39 މިލިއަން ރުފިޔާ އިތުރުވެ ނުވަ ޕަސެންޓް ވަނީ އެބައިގެ އާމްދަނީއިން އިތުރުވެފަ އެވެ. އެ ދަތުރުތަކުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިއެސްއޭއަށް ވަނީ 138.86 މިލިއަން ރުފިޔާ ލިބިފަ އެވެ.

އައިއޭއެސްގެ އާމްދަނީ ހުރިގޮތް.

ރިޕޯޓްގައި ފާހަގަ ކުރި ގޮތުން ކުންފުނީގެ ދެވަނަ ކުއާޓަރުގެ ވިޔަފާރި ބޮޑުތަނުން ދަށަށް ދިޔުމާ އެކު ކުންފުނީގެ ދަރަނި ވަނީ 73 މިލިއަން ރުފިޔާ އިތުރުވެ، 647.75 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި ކުންފުންޏަށް އެކި ފަރާތްތަކުގެ އަތުން ލިބެން ހުރި ފައިސާގެ އަދަދަށް ވެސް ވަނީ، 17 މިލިއަނެއްހާ ރުފިޔާ އިތުރުވެފަ އެވެ. މި ހާލަތާ އެކު އައިއޭއެސްއަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ރިޕޯޓްގައި ފާހަގަ ކޮށްފައި ވަނީ، ކުންފުނީގެ ކުރު މުއްދަތުގެ ދަރަނިތައް ދެއްކުމުގެ ގާބިލްކަން ނެތިގެން ދިޔުމެވެ.

"ސާފު ފައިދާގެ ގޮތުގައި 68 މިލިއަން ރުފިޔާ ލިބިފައިވާ ކުންފުންޏަކަށް 10.7 މިލިއަން ރުފިޔާގެ ގެއްލުމެއް ވުމަކީ ގަބޫލު ނުކުރެވޭ ވަރުގެ ގެއްލުމެކެވެ. މިއީ ކުންފުނި މިސް މެނޭޖް ކުރުން ދޭހަކޮށްދޭ ކަމެކެވެ،" ޕީސީބީގެ ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި އެގޮތަށް ފާހަގަކޮށްފައިވީ ނަމަވެސް، އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ކުންފުނީގެ ފައިދާ ދަށަށް ދާން ދިމާވި ސަބަބަކީ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރި ދަނޑިވަޅާއި ދިވެހިން އާންމުކޮށް ދަތުރުކުރުން މަދު ރޯދަމަހާ ދެވަނަ ކުއާޓަރު ދިމާވުމުން ކަމަށެވެ. އަދި ކުންފުނީގައި ނުދައްކާ ގިނަ ދުވަސްވެފައި ހުރި ދަރަނި ދެއްކުމަކީ ވެސް ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދަތުރުތައް އަގުހެޔޮކޮށްގެން ފިނޭންސުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ދެމުން ނުދާ ކަމަށެވެ.

މޯލްޑިވިއަންގެ އެމްޑީ، ރިޒްވީ ހަފްލާއެއްގައި: ތިން ވަނަ ކުއާޓަރުގައި ކުންފުންޏަށް ފައިދާވާނެ ކަމަށް ވިދާޅުވި. -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ކުންފުނި މިސްމެނޭޖްމަންޓަކުން ނޫން މިހެން މިވީ. އެއީ އަޅުގަނޑުމެންގެ ބާރުގައި ނެތް ކަންތައްތަކެއް ކުރިމަތިވީމާ މި ގެއްލުން މި އައީ. އިރާދަކުރެވިއްޔާ މި ކުއާޓަރުގައި ކުންފުނި އޮތީ ރަނގަޅަށް،" ރިޒްވީ ވިދާޅުވި އެވެ.

ކުންފުނި ހާލަތުން ނަގަން އިރުޝާދުތަކެއް

އައިއޭއެސްއަށް ދިމާވެފައިވާ ހާލަތުން އަރައިގަންނަން ޕީސީބީގެ ރިޕޯޓްގައި ލަފާދީފައި ވަނީ، މުވައްޒަފުންގެ މުސާރަ އާއި އެހެން ވެސް ހަރަދުތައް ބޮޑުވަމުން ދާ ދިޔުން ކޮންޓްރޯލްކޮށް އެ ހަރަދުތައް ކުޑަކުރެވޭނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމަށެވެ. އަދި ޑޮމެސްޓިކް ދަތުރުތަކުގެ އާމްދަނީ ދަށްވާތީ، އެކަމަށް ހައްލުތަކެއް ހޯދުމަށް ކުންފުނިން މަސައްކަތް ކުރުމަށް ވެސް ވަނީ ލަފާދީފަ އެވެ.

މީގެ އިތުރުން އެކި ފަރާތްތަކުން ކުންފުންޏަށް ދޭން ޖެހޭ ފައިސާ ހޯދުމުގެ ކަންކަން ހަރުދަނާކޮށް، ފިނޭންސުން ކުންފުންޏަށް ދޭން ޖެހޭ ފައިސާ ހޯދުމަށް ފިނޭންސާ އެކު ހަރުދަނާ އުސޫލުތަކަކަށް އެއްބަސްވުމަށް ވެސް ވަނީ ލަފާދީފަ އެވެ. އަދި ކުންފުނި ހިންގުމަށް ބޭންކު އޯޑީގެ ގޮތުގައި ދެވަނަ ކުއާޓާގައި އެކަނިވެސް، 83 މިލިއަން ރުފިޔާއަށް އެ އަދަދު އިތުރުވެފައި ވާތީ، ބޭންކު އޯޑީއަށް ބަރޯސާވުން ކުޑަކުރަން ވަނީ ލަފާދީފަ އެވެ.

comment ކޮމެންޓް