ސެޕްޓެމްބަރު ނިމުނު އިރު، ރާއްޖެ އައި ޓޫރިސްޓުން 1.25 މިލިއަނަށް އަރައިފި

މާފުށީގައި ދެ ފަތުރުވެރިޔަކު --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު 1.25 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުގައި ވާގޮތުން، މިދިޔަ މަހުގެ ނިޔަލަށް 1.25 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އައި ފަތުވެރިންގެ އަދަދަށްވުރެ 15.8 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 1.08 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރު އެންމެ ގިނައިން ފަތުވެރިން ޒިޔާރަތްކޮށްފައިވަނީ އުތުރު އިރުމަތީ އޭޝިއާގެ ގައުމުތަކުންނެވެ. އުތުރު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ަޗައިނާ، ޖަޕާން، ކޮރެއާ ޓައިވާން ހިމެެނެ އެވެ. އެ މާކެޓުން 300,559 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. ރާއްޖެ އައި ފަތުވެރިންގެ 24 ޕަސެންޓް ހިއްސާ ކުރަނީ އެ މާކެޓުންނެވެ.

ދެން އެންމެ ގިނައިން ފަތުވެރިން އައިސްފައިވަނީ ހުޅަނގު ޔޫރަޕްގެ މާކެޓުންނެވެ. އެ މާކެޓްއިން 192,970 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ ރާއްޖެ އައި ފަތުވެރިންގެ 15.4 ޕަސެންޓެވެ.

ވަކި ވަކި ގައުމުތަކުން ޓޫރިސްޓުން އައިވަރު:

  • ޗައިނާ ( 230,349 ފަތުރުވެރިން)
  • އިންޑިއާ ( 115,507 ފަތުުރުވެރިން)
  • އިޓަލީ ( 97,375 ފަތުރުވެރިން)
  • ޖަރުމަން ވިލާތް ( 93,727 ފަތުރުވެރިން)

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިމޭއިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެންނާށެވެ. އެ އަމާޒަށް ވާސިލްވުމަށް ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓް ބޮޑުކޮށް ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީއިން ވަނީ، 12 މާކެޓެއްގެ 15 ފެއާއެއްގައި ބައިވެރިވުމާއި 13 މާކެޓެއްގައި ފަސް ރޯޑް ޝޯއެއް ބޭއްވުމާއި މީޑިއާ ފޭމްގެ ޓްރިޕްތަކުގެ 13 ގްރޫޕެއް ގެނައުމާއި 11 މާކެޓެއްގައި ޕީއާރު ޕްރެޒެންޓޭޝަން ދިނުމާއި 12 ޖޮއިންޓް ޕްރޮމޯޝަން ބޭއްވުން އަދި މުޅި ރާއްޖޭގައި، ރާއްޖެ އިޝްތިހާރު ކުރުމުގެ ދެ ކެމްޕޭނެއް ހިންގުން ހިމެނެ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 157 މިލިއަން ރުފިޔާ އެވެ. މިއީ އެންމެ ފުރަތަމަ ބަޖެޓުގައި ހިމެނި މިންވަރަށް ވުރެ 104 މިލިއަން ބޮޑު އަދަދެކެވެ. މިއަހަރުގެ ހަމަސް ފާއިތުވީއިރުވެސް، 39.8 މިލިއަން ރުފިޔާ ވަނީ ރާއްޖެ މާކެޓް ކުރަން ހޭދަކޮށްފައި ކަމަށް މީގެ ކުރިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ޕުރޮމޯޝަން ބަޖެޓް އަދިވެސް އިތުރު ކުރައްވާނެ އެވެ.

comment ކޮމެންޓް