ބާސާ މޮޅުވި އިރު މެސީ 50 ވަނަ ފްރީ ކިކް ގޯލު ހަމަކޮށްފި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ރަޔާން ބެންސަން

ސްޕެނިޝް ލީގުގައި ރޭ ރެއާލް ވެލަޑޮއިޑް އަތުން ފަސޭހަކަމާ އެކު މޮޅުވި އިރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އޭނަގެ 50 ވަނަ ފްރީ ކިކް ގޯލު ހަމަކޮށްފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން އެ ޓީމު މޮޅުވީ 1-5 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު އެ ޓީމު ވަނީ ކުޅުނު 10 މެޗުން ލިބުނު 22 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތް ގްރަނާޑާއަށް 20 ޕޮއިންޓް ލިބޭ އިރު ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އެއް މެޗު ކުޅެގެން ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ގްރަނާޑާ ދަރަޖައިގެ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ.

ރޭގެ މެޗަށް ބާސެލޯނާއިން ނުކުތީ މި ސީޒަނަށް އަލަށް އެ ޓީމާ ގުޅުނު އެންޓޮއިން ގްރީޒްމަންގެ ބަދަލުގައި ޒުވާން ފޯވާޑް އަންސޫ ފަޓީ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ސަސްޕެންޝަނުގެ ސަބަބުން އުސްމާން ޑެމްބެލޭ މިރޭގެ މެޗުން ވެސް ނުފެނެ އެވެ.

މެޗު ފެށިގެން ދެވަނަ މިނެޓުގެ ތެރޭގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޑިފެންޑަރު ކްލިމެންޓް ލެންގްލެޓް އެވެ. އޭނާ އެ ގޯލު ޖެހީ ނެގި ކޯނަރެއް ސާފު ނުކުރެވިގެން އުޅެނިކޮށް ފޮނުވާލި ހަމަލާ ގޮސް ވެލަޑޮއިޑް ކުޅުންތެރިއެއް ގައިގައި ޖެހިފަ އެވެ.

ބާސެލޯނާއިން ވަރުގަދައަށް މެޗު ފަށައިގެން ކުޅުނު ނަމަވެސް ވެލަޑޮއިޑުން ވަނީ އެ މީހުން އުފެއްދި ފުރަތަމަ ހަމަލާއިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ކިކޯ އޮލިވާސް އެވެ.

ވެލަޑޮއިޑްގެ ގޯލާ އެކު ބާސެލޯނާއިން އަނެއްކާވެސް ނުރައްކާ ކުރަން ފެށި އެވެ. އެގޮތުން އެ ޓީމުން ވަނީ އޭގެ އިރަކޮޅެއް ފަހުން ގޯލެއް ޖަހައި ލީޑު އަނބުރާ ނަގައިފަ އެވެ. ބާސެލޯނާގެ ކެޕްޓަން މެސީ ޑިފެންޑަރުން ބޯމަތިން އެއްލި އެ ބޯޅަ ގޯލުގެ ތެރެއަށް ފިނުވާލީ އާތުރޯ ވިދާލް އެވެ. އޭނާ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ބާސެލޯނާގެ ތިންވަނަ ގޯލު އެ ޓީމަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަހައިދިނީ މެސީ އެވެ. އޭނާ އެ ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެންނެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި 50 ވަނަ ފްރީކިކް ގޯލެވެ.

ދެވަނަ ހާފު ފެށިގެން ވެލްޑޮއިޑުން ދިޔައީ ޓީމު ކުރިއަށް ޖައްސައިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ޓީމަަށް އެ ހާފުގައި ވެސް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތް ނުވެ އުޅެނިކޮށް މެސީ ވަނީ އޭނަގެ ދެވަނަ ގޯލު ޖަހައިފަ އެވެ. އެ ގޯލު އޭނަ ޖެހީ ރަކިޓިޗް އޭރިއާ ތެރެއަށް ދިން ޕާހަކުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. އޭގެ އިރަކޮޅެއް ފަހުން ބާސެލޯނާގެ ފަސްވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ. ސުއަރޭޒް ވަނީ މިހާތަނަށް ސްޕެނިޝް ލީގުގައި ޖެހުނު ހުރިހާ ކުލަބެއް ކޮޅަށް ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް