ގައުމީ ދުވަހުގެ ރަސްމީ ޖާފަތް، ދިވެހި ރަހަތަކުން މުއްސަނދިވެފައި

ގައުމީ ދުވަހުގެ ޖަލްސާގެ ކޭޓަރިންގެ މަސައްކަތުގައި ބްރަދާސް ކޭޓަރިންގެ މުވައްޒަފުން

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ކިތަންމެހާވެސް ހާއްސަ އެވެެ. ގައުމަށްޓަކައި ނުހަނު ބުރަ، ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ހިދުމަތްތެރިންނަށް ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރުދިނުމުގެ އިނާމުތަކެއް ދެވި، އަގުވަޒަންކުރެވިގެން ދިޔައިރު އެތަށް ބައިވަރު ދަރީންނަކަށް އެ ހިސާބަށް ވާސިލްވުމަށް އާ ހިތްވަރެއް ލިބިއްޖެ އެވެ.

ކޮންމެއަކަސް، ރަސްމީ ކަންކަމުން ބޭރުން ޖަލްސާގައި ދެން ފާހަގަކުރެވުނު އެންމެ ހާއްސަކަމަކީ ރަސްމީ ފަރިއްކޮޅެވެ. މީގެ ކުރިން ފެނިފައިނުވާ ފަދަ ތަފާތުކަމެއް ހަމަ ގައިމުވެސް ވަނީ ފެނިފަ އެވެ. މުޅީން ވެސް ދިވެހި ކެއުންތަކެވެ. ދިވެހި ރަހަތަކެވެ.

ގައުމީދުވަހުގެ ރަސްމީ ޖަލްސާގެ ބިލެއްމީރުކޮށްލުން--ފޮޓޯ:ބްރަދާސް ކޭޓަރިން

މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން އިންތިޒާމްކުރި މި ޖަލްސާއަށް ލިބުނު އެންމެ ބޮޑު ފުރިހަމަކަމަކީވެސް މިއީކަމަށް ވުން ގާތެވެ. މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކެއުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހުރިހާ ދިވެހި ރަހަތަކެއް ނަން ހުސްކޮށް ހޯމަދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުނު ޖަލްސާގައި ލިބެން ހުއްޓެވެ.

މިފަދަ ކޮންސެޕްޓަކަށް ޖަލްސާގެ ބިލެއްމީރުކޮށްލުން ރާވާލީ ހޯމް މިނިސްޓްރީ އިންނެވެ. އަދި ކޭޓަރިންކޮށްދޭނެ ފަރާތެއް ހޯދީ ސީދާ މި ހިޔާލުގެ މައްޗަށެވެ.

މި ބިޑް ކާމިޔާބުކުރީ ބްރަދާސް ކޭޓަރިންގް އިންނެވެ. ބިޑް ހަވާލުކުރެވުނުތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްތެރޭ، މިހާ ފުރިހަމައަށް މި ޖާފަތް ރާވާލުމަށް ބްރަދާސްއިންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ބްރަދާސް ކޭޓަރިންގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ ނީނާ މޫސާ ދީދީ ވިދާޅުވީ، މި ބިޑް ކާމިޔަބު ކުރެވުމާއި އެކު، މަސައްކަތްފެށީ ވީހާވެސް ބޮޑަށް މި ބަވާތްތަކުގެ އަސްލު ދިވެހި ރަހަ ނުގެއްލޭހެން އެންމެ ފުރިހަމައަށް ތައްޔާރުކުުމަށް ކަމަށެވެ.

ގައުމީދުވަހުގެ ރަސްމީ ޖަލްސާގެ ބިލެއްމީރުކޮށްލުން--ފޮޓޯ:ބްރަދާސް ކޭޓަރިން

ޖާފަތުގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި، ދިވެހި ހެދިކާ އާއި، ބޮނޑިބަތުގެ ތެރެއިން، ހަނޑޫ، ގޮދަން، ބަނބުކެޔޮ ބޮނޑިބަތާއި، އަވެލި، ހާލުފޮޅި، ބޯކުރި ފަޅޯ، ކަށިކެޔޮ ފޯ، އުޅާލި، ނާރުވައްފަލޫދާ، އައްޑޫ ބޮނޑި، ކަނަމަދު މެޓާ، މާފުއް، ބަތްޕެން މަސްކުރޮޅި ހަލުވާ ފަދަ ބާވަތްތައް ހިމެނެ އެވެ.

ބުއިންތަކަށް ބަލާއިރުވެސް، އެއްވެސް ބާވަތެއްގެ ސޮފްޓް ޑްރިންކެއް، ނޫނީ، ކޮފީ މައިލޯ ފަދަ ބާވަތްތައް ނުހިމެނެ އެވެ. މުޅީންވެސް ދިވެހިންގެ ތެރޭގައި ތައްޔާރުކޮށްއުޅޭ ދިވެހި ބާވަތްތަކުގެ ފަނިތަކާއި ޖޫހެވެ. މިގޮތުން، ކަށިކެޔޮ ފަނި، ސާގު ފަނި، ފުފޫ ކަނދި އަދި އިސްބަގުލު ފަނި، ހިމެނެ އެވެ.

މި ބާވަތްތަކަކީ ބްރަދާސް އިންވެސް އާންމުކޮށް ތައްޔާރުކޮށްއުޅޭ ތަކެއްޗަށް ނުވުމުން އެތަނުގެ ޝެފުން ވަނީ މި ބާވަތްތައް އާންމުކޮށް ހަދާ އުޅޭ ގެތަކަށް ގޮސް، ރެސިޕީ ބަލައި ދަސްކޮށް ރަހަ ބަލައި މި ޖަލްސާއަށް ތަކެތި ހަދަން ދަސްކޮށްފަ އެވެ.

އައްޑޫ ބޮނޑި، މިއީ ޖަލްސާއަށް އައްޑޫއިން ގެނެސްފައިވާ ބާވަތެއް-- ފޮޓޯ:ބްރަދާސް ކޭޓަރިން

އޭގެއިތުރަށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ބައެއް ބާވަތްތަކުގެ ކާއެއްޗެހި ޖަލްސާއަށް ގެނެސްފައިވަނީ ސީދާ އެރަށްރަށުންނެވެ. މިގޮތުން، ކަނަމަދު މެޓާއާއި ހާލުފޮޅި ގެނެސްފައިވަނީ ސީދާ ކުޅުދުއްފުށިންނެވެ. އަދި ބޮނޑިވެސް އެއީ މިކަމަށް ހާއްސަކޮށްގެން އައްޑޫއިން ގެނެސްފައިވާ ތަކެއްޗެވެ.

ކޮންމެއަކަސް، ދިވެހި ރަހަތަކުގެ ފުރިހަމަކަމާއި، އަދި ދިވެހިންގެ ސަގާފަތުގެ މުއްސަނދިކަން މި ޖަލްސާއިން ނިކަން ރަނގަޅަށް އަހަރެމެންނަށް ދައްކާލަދީފި އެވެ.

ޖަލްސާގެ ފޮޓޯތަކުންންވެސް އެންމެ ހާއްސަ އެއްކަމަކަށް މި ޖާފަތުގެ ފުރިހަމަކަން ފާހަގަކުރެވިގެންދިޔައިރު، ރިސެޕްޝަން ހޯލުވެސް ޒީނަތްތެރިކޮށްފައިވަނީ ކާއެއްޗިއްސާއި އެއްފަދައިން ދިވެހި ސަގާފަތާއި ގުޅުވާފަ އެވެ.

ގައުމީދުވަހުގެ ރަސްމީ ޖަލްސާގެ ބިލެއްމީރުކޮށްލުން--ފޮޓޯ:ބްރަދާސް ކޭޓަރިން

މިގޮތުން މަލާފަތާއި، ދިވެހި ފޭއްޔާއި، ރާބަނދި، ބަތްޕޮޅި އަދި ފަތާއި ފަނުން ބުފޭ މޭޒުތައް ވަނީ ޒީނަތްތެރިކޮށްފަ އެވެ. އަދި ދުފާއެއްޗެހި ބެހެއްޓިފައިވަނީވެސް ނިކަން ތަފާތުކޮށެވެ. މިފަހަކަށް އައިސް ދުފުމަށް ބޭނުންކުރާ އެއްޗެހީގެ ބަދަލުގައި ހަމައެކަނި ހުރީ ކަރަންފުލާއި، ކާފުރުތޮޅި އަދި ފޮނިތޮށްޓެވެ. އަދި މޭޒުގައި ސަންގެއްވެސް ބާއްވައިފައިވެ އެވެ. ކުދިކުދި އެހެންނަމަވެސް ވަރަށް ބޮޑު ފުރިހަމަކަމެއް މުޅި ހަފްލާއަށް ގެނެސްދިން މިހުރިހާ ކަމަކީވެސް ބްރަދާސް ކޭޓަރިންގެ ފަރާތުން ވަރަށް ބޮޑަށް ސަމާލުކަންދީގެން ކޮށްފައިވާ މަސައްކަތެކެވެ.

މިފަދަ ހައިބަތުހުރި ޖަލްސާއެއްގައި ދިވެހި ރަހަތަކެއް މިހާ ފުރިހަމައަށް ބެހެއްޓިފައިވުމަކީ ޖަލްސާގައި ބައިވެރިވި ފަރާތްތަކަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެކެވެ.

އެ ޖަލްސާގައި ބައިވެރިވި ފަރާތަކުން "ސަން" އަށް ވިދާޅުވީ އެފަދަ ފުރިހަމަ ޖާފަތެއް ފެނުމުން އާދަޔާ ހިލާފު ލޯތްބެއް ހިތުގައި ގައުމަށްޓަކައި އުފެދުނު ކަމަށެވެ. އަދި ޖާފަތުގެ ފޮޓޯތައް ނެގުނީ ލިބުނު އުފަލެއްގެ ބޮޑުކަމުން ބޭއިހުތިޔާރުގައި ކަމަށެވެ.

ގައުމީދުވަހުގެ ރަސްމީ ޖަލްސާގެ ބިލެއްމީރުކޮށްލުން--ފޮޓޯ:ބްރަދާސް ކޭޓަރިން

އެހެންކަމުން މިއަހަރުގެ ގައުމީ ދުވަސް އަހަރެމެންނަށް މި އަންގައިދިނީ ގައުމުދެކެ ލޯބިވުމާއި، ގައުމަށް ހިދުމަތްކުރުމާއި އެއްވަރަށް، ގައުމުގެ މުއްސަނދި ސަގާފަތާއި އާދަކާދަތައްވެސް ދިރުވާ އާލާކޮށް ރައްކާތެރިކުރުމަށެވެ. މި ހިޔާލަށާއި، އިސްނެންގެވުމަށް އަދި ރަހަމީރު ފުރިހަމަ ޖާފަތަށް ހޯމް މިނިސްޓްރީއާއި ބްރަދާސް ކޭޓަރިންއަށް ޝުކުރިއްޔާ އެވެ!

comment ކޮމެންޓް