މަންޒަރު ބަދަލުވެއްޖެ: ޣައްސާން ފުލުހަށް ގެންދިޔުމުން އަރިހުގައި ބޭބެ ފާރިސް

ފާރިސް އައީ ޣައްސާން: ޣައްސާން ފުލުހަށް ހާޒިރުކުރި އިރު، އަރިހުގައި ވަޑައިގެންވީ ފާރިސް --- ފައިލް ފޮޓޯ/ މަޖިލިސް

ފުލުހުން ތަހުގީގު ކުރާ އެމްއެމްޕީއާރުސީ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ މެމްބަރު ޣައްސާން މައުމޫން ރޭ ވަނީ އެ މުއައްސާއަށް ހާޒިރުކޮށްފަ އެވެ. އެކަމަކު އެންމެ ތަފާތު މަންޒަރަކީ، އަރިހުގައި ވަޑައިގެންނެވީ ވޭތުވެދިޔަ ހަތަރު އަހަރު ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް ހުރި ބޭބޭފުޅު ފާރިސް މައުމޫނެވެ.

ބޮޑު ބޭބެ، ރައީސް އަބްދު ޔާމީންގެ ސަރުކާުގައި އުފެދުނު އަރާރުންތަކާ ހުރެ، ދެބެއިންގެ ސިޔާސީ ވިސްނުންވެސް ދެބަޔަކަށް ދިޔަ އެވެ. ޣައްސާން މިއަދާ ހަމަައަށް ވެސް ހުންނެވީ ބޮޑު ބޭބެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިހުގަ އެވެ. ފާރިސް ހުންނެވީ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި އޭރުގެ އިދިކޮޅު ހަރަކާތްތަކުގެ އިސް ބޭފުޅެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފާރިސްއަށް ހުކުމްކޮށް ޖަލަށް ލީ އިރުވެސް ގައްސާން ހުންނެވީ ރައީސް ޔާމީންގެ ފަޅީގަ އެވެ. ފާރިސްގެ ދިފާއުގައި ނުނިކުންނަވަ އެވެ. އެތައް ފަހަރަކު ފާރިސް ފުލުސް އޮފީހަށް ހާޒިރުކޮށް އެތައް ފަހަރަކު ހައްޔަރު ކުރިއިރުވެސް ގައްސާން، ބޭބެގެ ދިފާއުގައި އެތަންތަނަށް ވަޑައިނުގަންނަވަ އެވެ. ދިފާއުގައި އެއްޗެއް ވެސް ވިދާޅު ނުވެ ހަނު ހުންނެވުން އިހުތިޔާރު ކުރެއްވި އެވެ.

ރިޔާސީ އިންތިހާބާއި ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޣައްސާން ހުންނެވީ ހަމަ އެގޮތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ ގޮނޑިވެސް ކާމިޔާބު ކުރެއްވީ، ފާރިސްއާއި ބައްޕާފުޅު ރައީސް މައުމޫންގެ ތާއީދެއް ނެތި އެވެ.

އެހެން އެކަން އޮއްވައި، ރޭ އަރިހުގައި ޣައްސާންއާއެކު ފާރިސް ފުލުހަށް ހާޒިރުވި އެވެ. ގައްސާން ފުލުހުންގެ މުއައްސަސާއަށް ވަޑައިގަތީވެސް ފާރިސްއާއެކު އެވެ. ޣައްސާން ފުލުހުންގެ މުއްސަސާއަށް ނިކުތް އިރުވެސް ބޭރުގައި ޣައްސާންގެ އިންތިޒާރުގައި ފާރިސް ހުންނެވި އެވެ. ނޫސްވެރިންނާ ވާހަކަ ދެއްކެވިއިރުވެސް ފާރިސް ހުންނެވީ ޣައްސާންގެ އަރިހުގަ އެވެ.

ޣައްސާން އާއި އާއިލާގެ އެހެން މެންބަރުންނާ އޮންނަ އާއިލީ ގުޅުން، ގޯސްވެފައިވާ ކަމަށް، ވާހަކަ ދެކެވުނަސް އޭނާ މީގެކުރިން ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

ރޭގެ މަންޒަރާ މެދު ފާރިސް ވެސް އަދި ޣައްސާންގެ ވެސް ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ގާއްސާން ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވިއިރު ކައިރީގައި ފާރިސް -- ފޮޓޯ/ ރާއްޖެޓީވީ ލައިވް ސްކްރީންޝޮޓް

ޣައްސާން ފުލުހަށް ގެންދިޔައީ ސިޔާސީ ބޭނުމުގައި: ޕީޕީއެމް

ޣައްސާން ފުލުހަށް ގެންދިޔުމާ ގުޅޭ ގޮތުން އޭނާ ނިސްބަތްވާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދައިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އޭނާ ހާޒިރު ކުރީ މިހާރު ބޮޑު ވެފައިވާ އެމްޑީއެންގެ މައްސަލައިގެ ސަމާލުކަން ގެއްލުވާލުމުގެ ގޮތުން ކަމަށެވެ.

"ޣައްސާންއާ އަޅުގަނޑާ ދިމާވި. ޣައްސާން ވިދާޅުވީ، އެމްޑީއެންގެ މައުޟޫ ޑީވިއޭޓު ކުރަން [ސަމާލު ގެއްލުވާލަން] ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް ސީދާ ފުލުހުން ޣައްސާންއާ ކުރެއްވި ސުވާލުތަކެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، ގައްސާން ހާޒިރުކޮށްފައިވަނީ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާ ބޮޑު ހިޔާނާތުގެ މައްސަލައިގައެވެ. އެ މައްސަލައިގައި އެމްއެމްޕީއަރުސީގެ ފައިސާ ޣައްސާނަށްވެސް ލިިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް ޣައްސާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޣައްސާން ފުލުހަށް ހާޒިރުކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ.

ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއަރުސީގެ ފައިސާ 267 ފަރާތަކަށް ވަނީ ލިބިފަ އެވެ. އެ ފަރާތްތަކާ ސުވާލު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މަޖިލީހުގެ މި ދައުރުގެ 16 މެމްބަރަކާއި ކުރީގެ މަޖިލީހުގެ 44 މެމްބަރެކެވެ. އަދި މި ސަރުކާރުގެ ހަތް ބޭފުޅަކަށާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތައް ފުރުއްވި 30 ބޭފުޅަކުވެސް އެ ލިސްޓުގައި ހިމެނެ އެވެ.

comment ކޮމެންޓް