ތެލުގެ ވިޔަފާރި ދަށްވި ނަމަވެސް، އެސްޓީއޯގެ ސާފު ފައިދާ 95 މިލިއަނަށް އަރައިފި

އެސްޓީއޯގެ ހެޑް އޮފީސް އިމާރާތް-- ފޮޓޯ: ސަން

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާ 95 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 76.6 މިލިއަން ރުފިޔާއަށް ވުރެ 23 ޕަސެންޓް އިތުރު އަދަދެކެވެ.

ނަމަވެސް ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުމަށް ފަހު މި ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 2.2 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މި ކުއާޓަރުގައި އާމްދަނީ ދަށްވި މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ، އެކުންފުނިން ވިއްކާ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު ފައިދާ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ދަށްވުމުން ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ ތިންވަނަ ކުއާޓަރުގައި އެކުންފުނީގެ ހިންގާ ޚަރަދުން 12 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށެވެ.

ތިން ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަކޮށް ލިބިފައި ވަނީ 6.97 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ ޖުމްލަ އާމްދަނީއަށް ވުރެ 131 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ އާމްދަނީ މި ކުއާޓަރުގައި އިތުރުކޮށްފައި އެވަނީ، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށް ފަހު އަދި ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ވެސް ދަށްވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

comment ކޮމެންޓް