ބީއެމްއެލް ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޝަލް ހުށަހަޅަން ހަތަރު ވަނަ ބުރަށް ހުޅުވާލައިފި

ބީއެމްއެލް ކޮމިޔުނިޓީ ފަންޑް ޕްރޮގްރާމުގެ ދަށުން ހިންގި ޕްރޮޖެކްޓެއް -- ފޮޓޯ: ބީއެމްއެލް

ޖަމްއިއްޔާތަކުންނާއި އަމިއްލަ ފަރުދުން، ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީދިނުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އަށް ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު މި އަހަރު ހަތަރު ވަނަ ބުރަށް ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.

މި އަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށް ޓަކައި 50,000 ރުފިޔާ ބީއެމްއެލް އިން ދަނީ ދެމުންނެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ކޮމިޔުނިޓީ ފަންޑުން އެހީ ދީފައިވަނީ ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުމަށާޢި ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމަށާއި ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމަށާއި ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުމަށް އަދި ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުމަށެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް"ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާ އެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"އަަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހްކޮށްފައި ވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށާއި ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

"މިއަހަރު ތެރޭގައި ވެސް 'އަހަރެންގެ ބޭންކް'ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާ އެކު ޖުމްލަ 100 ޕްރޮޖެކްޓަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި." ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް